10 May 2010, 10:23
14:30
އެމްޑީޕީއާ ގުޅިގެން ގައުމީ ޕާޓީން މަސައްކަތް ނުކުރާނެ ކަމަށާއި، ފިނޭންސް މިނިސްޓްރީން ހޯދަން އެދުނު މައުލޫމާތުތައް ހަތް ދުވަހުގެ ތެރޭގައި ދިނުމަށް މަދަނީ ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އަމަލު ކުރުމަށް ގައުމީ ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ.
ގައުމީ ޕާޓީގެ ނާއިބު ރައީސް އިމާދު ސޯލިހު މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި، ސަރުކާރުގެ މިނިސްޓަރުންނާއި ކުންފުނިތަކާއި، ބައެއް މުއައްސަސާތަކުން ހޯދުމަށް، ގައުމީ ޕާޓީން އެދިފައިވާ މައުލޫމާތަކަކީ، ކޮރަޕްޝަނަށް މަގުފައިވާ ކަންތައްތައް ހިމެނޭ ކަމަށް ޝައްކު ކުރެވުމާއި، ސަރުކާރު ހިންގާ ގޮތުގެ މައުލޫމާތު ރައްޔިތުންނަށް ހާމަ ކުރުމުގެ ގޮތުން ހޯދުމަށް އެދިފައިވާ މައުލޫމާތުތަކެއް ކަމަށެވެ. އަދި މިނިސްޓްރީން އެ މައުލޫމާތުތައް ނުދިނުމާއި، މައުލޫމާތު ލިބިގަތުމަކީ އިންސާނީ އަސާސީ ހައްގެއް ކަމަށް އެންމެ ބޮޑަށް މީގެކުރިން ވަކާލާތު ކުރެއްވި މިހާރުގެ އެޓާނީ ޖެނެރަލް ހުސްނުސުއޫދު، އެ މައްސަލައިގައި، މައުލޫމާތު ލިބިގަތުމާދެކޮޅަށް ސަރުކާރު ދިފާއު ކުރެއްވުމަށް ވަކާލާތު ކުރެއްވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.
އިމާދު ސޯލިހު އަދި ވިދާޅުވީ، ގައުމީ ޕާޓީން އެހެން ޕާޓީތަކާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެމްޑީޕީއާ ގުޅިގެން ގައުމީ ޕާޓީން މަސައްކަތް ނުކުރާނެ ކަމަށާއި، އެފަދަ ގޮތަކަށް އެމްޑީޕީއާއެކު ވާހަކަ ދެކެވެމުން ނުދާ ކަމަށް ވެސް އިމާދު ވިދާޅުވި އެވެ. އަދި، ގައުމީ އިއްތިހާދު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އިކޮނޮމިކް މިނިސްޓަރ މަގާމުން ވަކި ކުރެއްވުމަކީ، ސަރުކާރުން ވެފައިވާ ވައުދުތަކާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތުގެ ބައެއް ކަމަށާއި، މިނިސްޓަރ ލެވެލްގެ އިތުރުން އެއަށްވުރެދަށް ލެވެލްގައި ތިބި މީހުން ވަޒީފާއިން ވަކި ކުރުމުގެ މަސައްކަތް ތަކެއްވެސް ކުރިއަށް އޮތްތަނުގައި ފެނިގެންދާނެ ކަމަށްވެސް އިމާދު ސޯލިހް ވިދާޅުވި އެވެ.