04 Jan 2017, 23:45
ދަގަނޑު ހޮޅިއަކުން ބިދޭސީއަކަށް ހަމާލާދިން މީހަކު ހަތަރު އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއާ ބެލުމަށްފަހު ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު އެ ހުކުމް އިއްވާފައި ވަނީ ލ. ގަން، ތުނޑި، ނޫރުވާދީ، އަބްދުﷲ އާމިރުގެ މައްޗަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 9:15 ހާއިރު ބަންގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ސުލޮމަން މިއާ ޗާންދަނީ މަގު "މަންތިރި ފިހާރަ" ކުރިމަތީގައި ހުއްޓައި އޭނާގެ ބުރަކަށީގެ ކަނާތްފަރާތު ކޮނޑުހުޅާ ދިމާލު ދަގަނޑު ހޮޅިބުރިން ޖެހި ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށެވެ.
އެ މާރާމާރީގެ ސަބަބުން ބިދޭސީ މީހާގެ ކޮނޑުހުޅަށް އަނިޔާވެފައިވާކަން މެޑިކޯ ލީގޯ ރިޕޯޓުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.