04 Jan 2017, 21:06
މިއަހަރު ސުކޫލުތަކުގައި ކިޔަވައިދިނުމަށް ރާއްޖެއިން ބޭރުން 180 އެއްހާ ބިދޭސީ ޓީޗަރުން ގެސްފައިވާއިރު އެއީ މިދިޔަ އަހަރަށްވުރެ މަދު އަދަދެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އަންނަ އާދިއްތަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ނިންމާފައިވާއިރު މިއަދު ވަނީ ޓީޗަރުން ސުކޫލުތަކަށް ރިޕޯޓްކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ސަން އަށް ވިދާޅުވީ މިއަހަރު ރާއްޖެއިން ބޭރުން ގެނައީ 180 އެއްހާ ޓީޗަރުން ކަމަށާއި އެއީ މިދިޔަ އަހަރަށްވުރެ މަދު އަދަދެއް ކަމަށެވެ.
މިދިޔަ އަހަރު ރާއްޖޭގައި މަސައްކަތް ކުރި ބިދޭސީ ޓީޗަރުންގެ އަދަދެއް އެޑިއުކޭޝަން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
ބިދޭސީ ޓީޗަރުންގެ އަދަދު މަދުވުމާއެކު ދިވެހި ޓީޗަރުން އިތުރުވެގެންދާނެ ކަމަށާއި މިއަހަރު ޓީޗަރުންގެ ދައްޗެއް ނެތި ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.
ދިރާސީ އާ އަހަރު ފެށޭއިރު ސްކޫލުތަކަށް ޓީޗަރުން ހަމަނުވުމާއި ކުދިންނަށް ބޭނުންވާ ފޮތްތައް ނުލިބުމަކީ އެހެން އަހަރުތަކުގައި ދިމާވާ މައްސަލަތަކެވެ. އެކަމުގެ ސަބަބުން ބެލެނިވެރިންގެ ހިތްހަމަނުޖެހުން ފާޅުކުރުމަކީ ދިރާސީ އާ އަހަރު ފެށޭއިރު އާންމުކޮށް ދިމާވާ މައްސަލައެކެވެ.
ޝަފީއު ވިދާޅުވީ ސްކޫލު ފެށެންވާއިރަށް ދަރިވަރުންނަށް ބޭނުންވާ ފޮތްތައްވެސް ފޯރުކޮށްދެވޭނެ ކަމަށެވެ.