ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނައިބު ރައީސް ކަމުގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އިސްތިއުފާ ދެއްވައިފި އެވެ.

އެފްއޭއެމްގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފޭދެއްވިކަން ހުސައިން ވަނީ 'ސަން ސްޕޯޓްސް'އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މިދިޔަ ނޮވެމްބަރު މަހު ބޭއްވި އެ އެސޯސިއޭޝަންގެ އިންތިހާބު ކާމިޔާބުކުރެއްވި އިރު، ބައްސާމްގެ ޓީމުގައި އިސްދައުރެއް އަދާކުރެއްވި މެންބަރުންގެ ތެރޭގައި ހުސައިން ހިމެނިވަޑައިގެންނެވި އެވެ. އަދި އިންތިހާބުގެ ކުރިން ބައްސާމްގެ ޓީމު އިއުލާންކުރި އިރު، އެކްސްކޯގެ ނައިބު ރައީސެއްގެ ގޮތުގައި ހުސައިން ހަމަޖެއްސެވި އެވެ.

'ސަން ސްޕޯޓްސް'އަށް މައުލޫމާތު ދެއްވަމުން ހުސައިން ވިދާޅުވީ، އެފްއޭއެމްގެ ނައިބު ރައީސްކަމުގެ އިސްތިއުފާދެއްވީ އިންތިހާބު ކާމިޔާބު ކުރެވުމުން އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން ވިދާޅުވެފައިވާތީ ކަމަށާއި ބައްސާމަށް ތާއީދު ކުރެއްވީ ކުޅިވަރު އާއިލާގެ ވިސްނުން ބަދަލުކޮށްލުމަށް ކަމަށެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް: އެފްއޭއެމްގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި.

އިންތިހާބުގެ ކުރިން ބައްސާމްގެ ޓީމު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިހާބު ކާމިޔާބުވުމުން އެ ޓީމުގައި ހިމެނިވަޑައިގަންނަވާ 'ސިޔާސީ' މެންބަރުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ބައްސާމްގެ ޓީމުގައި ސިޔާސީ ފަރާތްތަކުގެ ގޮތުގައި ސިފަނުވަނީ އެންމެ ދެ ބޭފުޅުންނެވެ. އެއީ ބައްސާމާއި އޭނާގެ ނައިބު ރައީސާ އައިޝަތު ނާޒިމާ އެވެ.

ބައްސާމްގެ އެކްސްކޯގައި މެންބަރުންގެ ގޮތުގައި ތިއްބެވީ މޯލްޑިވްސް ގޭސް ސޭލްސް މެނޭޖަރު މުހައްމަދު ޝިފާއު އާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބުދުﷲ އަހުމަދާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.

ނޮވެމްބަރު މަހު ބޭއްވި އެފްއޭއެމްގެ އިންތިހާބު ބައްސާމް ކާމިޔާބު ކުރެއްވީ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގް (ޓޮމް)އާ ވާދަކޮށެވެ.