04 Jan 2017, 16:07
މ. މާފަންނުއާގެއިން ދައުލަތަށް މިލްކުވެފައިވާ ބަންޑާރަ ގޯތި، މ. ދަންޑަހެލުގޭގައި ގަވާއިދާ ޚިލާފަށް ކޮށްފައިވާ ޢިމާރާތްތަކާއި ބަހައްޓާފައިވާ ތަކެތި 21 ދުވަހުގެ ތެރޭގައި ނެގުމަށް އަންގައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެކި ފަރާތްތަކުން ގަވާއިދާ ޚިލާފަށް އެގޯތީގައި އިމާރާތްކޮށް، ތަކެތި ބަހައްޓާފައިވާ ކަމަށް ފާހަގަކުރެވިފައި ވާތީ އެ ގޯތީގައި ބަހައްޓާފައި ހުރި ތަކެއްޗާއި ކޮށްފައިވާ އިމާރާތް، މިއަދުން ފެށިގެން 21 ދުވަސްތެރޭގައި ނެގުމަށް އަންގާ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން މ. ދަންޑަހެލު ގޭގައި އެއްވެސް މަސައްކަތެއް ކުރަމުންދާ ނަމަ އެކަމެއް ވަގުތުން ހުއްޓާލުމަށް އާންމުކޮށް އަންގާ އިޢުލާން ކުރާ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
މީގެ އިތުރުން ގަވާއިދާ ޚިލާފަށް އެގޯތީގައި ކޮށްފައިވާ އިމާރާތްތަކާއި ބަހައްޓާފައިވާ ތަކެތި 21 ދުވަހުގެ ތެރޭގައި ނުނަގައިފި ނަމަ އެ ގޯތީގައި ހުރި ތަކެތި މިނިސްޓްރީ އިން ނަގައި، އެ ތަކެތި ނީލަން ނުވަތަ ނައްތާލާނެ ކަމަށާއި އެކަމުގެ ސަބަބުންލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ މިނިސްޓްރީ އިން ނުނަގާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
މ. ދަންޑަހެލުގެ އަކީ އޯކިޑު މަގުގައި ތީމުގެއާ ދިމާއަށް ކުރިމަތީގައި އޮންނަ ގޯއްޗެކެވެ.