04 Jan 2017, 16:08
ބަންޖުލް (ޖެނުއަރީ 4): ގެމްބިއާގެ އިންޓަނޭޝަނަލް އިލެކްޓޯރަލް ކޮމިޝަން (އައިއީސީ)ގެ ވެރިޔާ ފިލައިފި ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.
ގެމްބިއާގެ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުން އެގައުމުގެ ވެރިކަން ކުރައްވާތާ 22 އަހަރުވެފައިވާ ޔަހުޔާ ޖަމޭހު ނާކާމިޔާބުވިކަން އިއުލާން ކުރެއްވި އަލީއު މޮމަރު ނަޖާއީ ގައުމުން ފިލާފައިވާ ކަން އޭނާގެ ދަރިފުޅު މޮމޮދޫ ވަނީ ޔަގީންކޮށްދީފަ އެވެ.
މިދިޔަ އަންގާރަ ދުވަހު މޮމޮދޫ ފޭސްބުކުގައި ކުރި ޓުވީޓެއްގައި އޭނާ ވަނީ އޭނާގެ ބައްޕަ ހުރީ ސަލާމަތުން ކަމަށާއި އޭނާއަށް ހިތްވަރުދޭ ފަރާތްތަކަށް ޝުކުރުވެރިވާ ކަމަށް ބުނެފަ އެވެ.
އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމުން އެންމެ ފުރަތަމަ ޖަމޭހު ވަނީ ބަލި ގަބޫލުކުރައްވާފަ އެވެ. ނަމަވެސް ވޯޓުތަކުގައި މައްސަލައެއް އުޅޭ ކަމަށް ވިދާޅުވެ ފަހުން ހިޔާލު ބަދަލުކުރައްވައި، މިހާރު ދަނީ ވެރިކަމުން ފޭބުމަށް ދެކޮޅު ހައްދަވަމުންނެވެ.
އަދި އޭގެ ފަހުން ތިން ޕްރައިވެޓް ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށް، ގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ އިލެކްޓޯރަލް ކޮމިޝަން ހިސާރުކޮށްފަ އެވެ.
ގެމްބިއާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ މީގެ ކުރިން ސިޔާސީ އެއްވެސް މަގާމެއް ފުރުއްވާފައި ނުވާ އެޑަމާ ބަރޯ އެވެ. ޑިސެމްބަރު އެކެއްގައި އޮތް އިންތިހާބު އޭނާ ކާމިޔާބު ކުރެއްވީ 45 ޕަސެންޓު ވޯޓާއެކު އެވެ.
އެފްރިކާގެ ގައުމުތަކުން ވަނީ ޖަމޭހް ވެރިކަމުން ފޭބުމަށް ގޮވާލައި، ވެރިކަމުން ނުފައިބައިފި ނަމަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. (ބީބީސީ)