04 Jan 2017, 16:58
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަތަރު ތަނަކުން ސްޕޮންސާގެ އެހީގައި މުވައްޒަފުން ހަމަޖައްސައިފި އެވެ.
އެ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ސްޕޮންސާ ކުރުމަށް މިއަދު ވަނީ ހަތަރު ތަނަކުން އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އިތުރުން މޫކައި ހޮޓެލްސް އަދި ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ވަނީ މުވައްޒަފުން ސްޕޮންސާ ކުރުމަށް އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.
އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންުގެ މަރުކަޒުގައި ތިބި ބަލިމީހުންނަކީ ހަމަ އެކަނި ބޭސްފަރުވާ ކޮށްގެން އެމީހުންގެ ކަންކަން ހަމައަކަށް އެޅުވޭނެ ބައެއް ނޫން ކަމަށާއި، ސައިކޮލިޖިކަލް އަދި ސޯޝަލް ސަޕޯޓުވެސް އެމީހުންނަށް ލިބެންޖެހޭ ކަމަށެވެ.
ޚާއްސަ އެހީއަށް ބޭނުންވާ މަރުކަަޒަށް ސްޕޮންސާގެ އެހީގައި މުވައްޒަފުން ހަމަޖެއްސުމާއިބެހޭ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"އަޅުގަނޑުމެން މިސްރާބު ހިފާފަ މިއޮތީ، ބައޯ ސައިކޯ ސޯޝަލް މެކޭނިޒަމެއްގެ ދަށުން އެފަދަ މޮޑެލްއަކަށް އެތަނުގެ ހިދުމަތް ދިނުން. އޭގެ މާނައަކީ އެމީހުންނަށް ބޭނުންވާ ސައިކޮލިޖަލް އަދި ސޯޝަލް ސަޕޯޓުވެސް އެމީހުންނަށް ލިބޭ ބޭސް ފަރުވާއާ އެކު ދެވޭ ނިޒާމެއްގެ ތެރެއިން މެނުވީ އެތަނުން ހިދުމަތްތައް އެންމެ ރަނގަޅު ނުކުރެވޭނެ ކަން ގަބޫލު ކުރެވޭތީވެ، އެކަން އެ މިސްރާބުގައި ގެންދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެގޮތުން އެތަނުގައި އުޅޭ ބަލި މީހުން ރައްކާތެރިކަމާއި އެކު ހިނގާ އުޅެވޭނެ ގޮތަކަށް އެތަނުގެ މަގުތައް ހަދައި އެމީހުންނަށް ބޭނުންވާ ސާފު ބޯފެނާއި ފާހާނާގެ ނިޒާމު ގާއިމް ކޮށްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އެމީހުން ނިދާ ކޮޓަރިތައް މަރާމާތު ކުރުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.