އަލް ގުދުސް (ޖެނުއަރީ 4): މިދިޔަ އަހަރު ތެރޭގައި އިސްރާއީލުގެ އަސްކަރިއްޔާ އިން ވަނީ ހުޅަނގު އައްސޭރި އާއި އަލް ގުދުސްގެ 32 ކުޑަކުދިން މަރާފައި ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ، ޑިފެންސް ފޯ ޗިލްޑްރެން އިންޓަނޭޝަނަލް (ޑީސީއައި) އިން ބުނެފި އެވެ.

ޑީސީއައި އިން ނެރުނުރިޕޯޓެއްގައިވާ ގޮތުން މިދިޔަ އަހަރަކީ ފާއިތުވި 10 އަހަރު ތެރޭގައި އިސްރާއީލް އަސްކަރިއްޔާ އިން އެންމެ ގިނަ 18 އަހަރުން ދަށުގެ ކުދިން މެރި އަހަރެވެ.

އެރިޕޯޓުގައިވާ ގޮތުން ގިނަ ކުޑަކުދިން މަރާފައި ވަނީ އިސްރާއީލް އަސްކަރިއްޔާ އިން ހުޅަނގު އައްސޭރީގައި ކުރިއަށް ގެންދާ ރޭޑުތަކުގަ އާއި އެއްވެސް ހަތިޔާރަކާ ނުލައި ފަލަސްތީނު ރައްޔިތުން ކުރި މުޒާހަރާތަކުގަ އެވެ.

"އިސްރާއީލް ސިފައިން ގެންގުޅެނީ މަރަން ވެގެން ބަޑި ޖަހާ ސިޔާސަތެއް. ފަަލަސްތީނު ރައްޔިތުން މެރުމަށް އެމީހުންނަށް ވަނީ ހުއްދަ ދީފައި. އެއީ ފަލަސްތީނު ރައްޔިތުން މެރުމަށް އެޅޭ ބިންގަލެއް،" ޑީސީއައި ފަލަސްތީނުގެ ޑިރެކްޓަރެއް ކަމަށްވާ އަޔަދް އަބޫ އިގްތައިޝް ވިދާޅުވި އެވެ.

މިދިޔަ އަހަރު އިސްރާއީލުން މަރާލި 32 ކުދިންގެ ތެރެއިން 19 ކުދިންނަކީ 16 އަހަރާއި 17 އަހަަރުގެ ކުދިންނެވެ. އަދި 13 ކުދިންނަކީ 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ކަމަށް ޑީސީއައިގެ ރިޕޯޓުގައިވެ އެވެ.

އޭގެ ކުރިން، 2015 ވަނަ އަހަރު އިސްރާއީލުން ވަނީ ހުޅަނގު އައްސޭރި އާއި އަލް ގުދުސްގެ 28 ކުޑަކުދިން މަރާފަ އެވެ. އަދި 2014 ވަނަ އަހަރު 13 ކުދިން މަރާފައިވާ އިރު އޭގެ ކުރީ އަހަރު ހަތަރު ކުދިން މަރާފައިވެ އެވެ.

"[ފަލަސްތީނު މީހެއްގެ] މަރާ ގުޅިގެން ތަހުގީގެއް ހިންގުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް. އެފަދަ މައްސަލައެއް އެންމެ ފަހުން ތަހުގީގުކޮށްފައި ވަނީ 2014 ވަނަ އަހަރު. އެއީ ނާދިމް ނުވާރާގެ މަރާ ގުޅިގެން ސިފައިންގެ މީހަކާ ދެކޮޅަށް ދައުވާ ކުރުމުން،" އަބޫ އިގްތައިޝް ވިދާޅުވި އެވެ.

އެމައްސަލަ ބަލާފައި ވަނީ، ފަލަސްތީނުގައި އޮތް މުޒާހަރާއެއްގައި 17 އަހަރުގެ ނާދިމް ނުވާރާގެ ގަޔަށް ސިފައިން ބަޑި ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމުންނެވެ. އޭރު ނާދިމްގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތެވެ. ނަމަވެސް މިދިޔަ އަހަރު އެސިފައިންގެ މީހާގެ ވަކީލުން ވަނީ އޭނާއާ ދެކޮޅަށް ކޮށްފައިވާ ދައުވާތައް އުވާލާނެ ކަމަށް ބުނެފަ އެވެ.

އޮކްޓޯބަރު 2015އިގެ ފަހުން އިސްރާއީލް އަސްކަރިއްޔާ އިން ވަނީ ފަލަސްތީނުގެ 244 މީހަކު މަރާފަ އެވެ. އޭގެ ތެރޭގައި އެއްވެސް ހަތިޔާރަކާ ނުލައި މުޒާހަރާ ކުރަމުންދިޔަ މީހުންނާއި، މަންޒަރު ބަލަން ތިބި މީހުންނާއި، އިސްރާއީލް ސިފައިންނަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމަށް އަސްކަރިއްޔާ އިން ބުނާ މީހުން ހިމެނެ އެވެ.

މީގެ އިތުރުން، މިދިޔަ އަހަރު ފަލަސްތީން ރައްޔިތުން ދިން ހަމަލާތަކުގައި އިސްރާއީލުގެ 36 މީހަކު މަރުވެފައިވެ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުގެ ހޯދުންތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު 2015އިގެ ފަހުން އިސްރާއީލް އަސްކަރިއްޔާ އިން މެރި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 150 މީހަކު މަރާފައި ވަނީ "ސިފައިންނަށް އެމީހުންގެ އެއްވެސް ނުރައްކަލެއް ނެތީސް، އެއްވެސް ހަތިޔާރެއް އަތުގައި ނެތް އަދި ހަމަލާއެއް ދިނުމަށް މަސައްކަތް ނުކުރާ މީހުންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށްގެންނެވެ." (އަލްޖަޒީރާ)