މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 96 މީހަކު ހައްޔަރުކޮށް ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އަތުލައިގެންފި އެވެ.

ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ފުލުހުން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި 1004 މީހަކު ބަލައި ފާސްކޮށްފައިވާ އިރު ކޯޓު އަމުރެއްގެ ދަށުން 21 ތަނެއް ބަލައި ފާސްކޮށްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

"މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން 62 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އިރު މަސްތުގެ ހާލާތުގައި ތިބި 34 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،" ފުލުހުން ބުންޏެވެ.

އޮޕަރޭޝަނުގައި އަތުލައިގަން ތަކެތި

  • ހަޝިޝް އޮއިލްކަމަށް ބެލެވޭ 1.347 ކިލޯގްރާމްގެ ތަކެތި
  • ހެރޮއިންކަމަށް ބެލެވޭ 0.436 ކިލޯގްރާމްގެ މަސްތުވާތަކެތި
  • 62 ކެނަބިސް އޮށް
  • 14 ބަނގުރާ ފުޅި
  • ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ ދެ ފުޅި
  • މަސްތުވާތަކެތިއަޅައި ތައްޔާރުކޮށްފައިވާ ބިޑިތަކެއް
  • މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ޖޫސްޕެޓީ ކޮތަޅާއި ހަތަރު ރަބަރުގަނޑާއި އެއް ތެޔޮދަޅަކާއި 17 ތެޔޮޕީސް އާއި 58 ބްލެޓާއި 101 ސެލޯފިންކޮޅު

އެ އޮޕަރޭޝަންގައި މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ 279،000 ރުފިޔާއަށް ވުރެ ގިނަ ފައިސާއާއި 710 ޑޮލަރު ހޯދައި އެތަކެތި ވެސް ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ އެ އޮޕަރޭޝަނުގެ ތެރެއިން މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް 39 އަހަރުގެ ސްރީލަންކާ އަންހެނަކާއި 27 އަހަރުގެ އިންޑިއާ ފިރިހެނަކު ވެސް ހައްޔަރުކޮށްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

"މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުންނާއި އިންޑިއާއިން ރާއްޖެއައި މީހާގެ ލަގެޖް ބަލައިފާސްކުރިއިރު އެއްވެސް އެއްޗެއް ފެނިފައެއް ނުވޭ. އަދި ރާއްޖެ އައި އިންޑިއާ މީހާގެ އެތެރަހަށީގައި މަސްތުވާތަކެތި ފޮރުވާފައި ކަމަށް ތުހުމަތުކުރެވިގެން ހޮސްޕޮޓަލަށް ގެންގޮސް އެކްސްރޭ ނަގައި ބެލިއިރު އޭނާގެ ފުރަގަސް ފަރާތުގައި މަސްތުވާތަކެތި ހުރިކަންވަނީ އެނގިފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމައްސަލަ މިހާރު ތަހުގީގު ކުރަމުން ދާ ކަމަށެވެ.