ނިމިދިޔަ 2016 ވަނަ އަހަރު ސްރީލަންކާ އަށް 95،000 އަށް ވުރެ ގިނަ ދިވެހިން ދަތުރުކުރި ކަމަށް އެ ގައުމުގެ ފަތުރުވެރިކަމާ ބެހޭ ތަފާސް ހިސާބުތައް ދައްކައިފި އެވެ. މިދިޔަ އަހަރަކީ މިހާތަނަށް އެގައުމަށް އެންމެ ގިނަ އަދަދެއްގެ ދިވެހީން ޒިޔާރަތްކުރި އަހަރެވެ.

ސްރީލަންކާގެ ޓުއަރިޒަމް ޑިވެލޮޕްމެންޓް އޮތޯރިޓީ އިން އާންމުކޮށްފައިވާ ތަަފާސް ހިސާބުތައް ދައްކާ ގޮތުގައި، 2016 ވަނަ އަހަރު ސްރީލަންކާއަށް 2،050،832 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.

ލަންކާ އަށް ދިޔަ ދެ މިލިޔަން ފަތުރުވެރިންގެ ތެރޭގައި 95،167 ދިވެހީން ހިމެނެ އެވެ. ރާއްޖެއަކީ 2016 ވަނަ އަހަރު، ސްރީލަންކާ އަށް ހަ ވަނަ އަށް އެންގެ ގިނަ ފަތުރުވެެރިން ޒިޔާރަތްކުރި ގައުމެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ސްރީލަންކާ އަށް ޒިޔާރަތްކުރި ދިވެހީންގެ އަދަދަކީ 90،617 އެވެ. އެހެންކަމުން 2016 ވަނަ އަހަރު ލަންކާއަށް ޒިޔާރަތްކުރި ދިވެހީންގެ އަދަދު ވަނީ ފަސް ޕަސަންޓަށް އިތުރުވެފަ އެވެ.

ސްރީލަންކާގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓަކީ އިންޑިއާ އެވެ. ދެހާސް ސޯޅަ ވަނަ އަހަރު އިންޑިއާގެ 356،729 ފަތުރުވެރިން ލަންކާއަށް ޒިޔާރަތް ކުރި އެވެ. ދެވަނައަށް އެންމެ ބޮޑު މާކެޓު ކަމުގައިވާ ޗައިނާ އިން 271،577 ފަތުރުވެރިން ލަންކާއަށް ޒިޔާރަތް ކުރި އެވެ. ތިންވަނައަށް އެންމެ ބޮޑު މާކެޓަކީ އިނގިރޭސި ވިލާތެވެ. އެ ގައުމުން 188،159 ފަތުރުވެރިއަކު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ.

ސްރީލަންކާއަކީ ރާއްޖެ އިން ބޭރުގައި އެންމެ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ގައުމެވެ. އެގައުމުގައި 12،000 އަށް ވުރެ ގިނަ ދިވަހީން ދިރިއުޅެ އެވެ.