މޮސްކޯ: ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓެއް ވެއްޓި އެއިން ދަތުރުކުރި 52 މީހުންގެ ތެރެއިން 44 މީހަކު މަރުވެއްޖެވެ.

ޓޮޕްލޯވް 134 މަރުކާގެ މިބޯޓު ރަޝިޔާގެ ހުޅަނގު އުތުރުގެ ބެތްރޯޒަވޯޑަސްކް އެއަރޕޯޓަށް ތަރިކުރަން އުޅެނިކޮށް އޭގައި އަލިފާން ރޯވީ ކަމަށް ރަޝިޔާގެ އިމަރޖެންސީ ކަންތައްތަކާބެހޭ ވުޒާރާގެ ތަރްޖަމާން ވިދާޅުވިއެވެ. ބޯޓުގައި އަލިފާންރޯވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށާ މިކަން ބަލައި ތަޙްޤީޤް ކުރާނެ ކަމަށް ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ބޯޓް ވެއްޓުނީ ހައިވޭއެއްގެ މައްޗަށް ކަމަށް ޚަބަރުލިބެއެވެ.

ބޯޓު ވެއްޓުމުގެ މިޙާދިޘާގައި މަރުނުވެތިބި 8 މީހުންވެސްތިބީ ވަރަށް ބޮޑަށް ފިހިފައި ކަމަށާ އެމީހުން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ރޮއިޓާސް ބުނެއެވެ. ޓޮޕްލޯވް 134 މަރުކާގެ މި މަތިންދާބޯޓަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު އުފައްދާފައިވާ ބޯޓެކެވެ.

މިބާވަތުގެ ބޯޓުތަކަށް ބޭނުންވާ މަރާމާތުގެ ކަންތައްތައް ބަރާބަރަށް ކުރިޔަށް ނުގެންދެވޭތީ މިބާވަތުގެ މަތިންދާބޯޓުތަކަށް ޓެކްނިކަލް މައްސަލަތައް ވަރަށް ގިނައިން ކުރިމަތިވެ ގިނަ ބޯޓުތަކެއް މިފަހަކަށް އައިސް ވެއްޓެމުން ގޮސްފައިވާ ކަމަށް ޚަބަރުލިބެއެވެ. -- ރޮއިޓާސް