ސިއްހީ ދާއިރާގައި ރަނގަޅުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ގަބޫލުކުރާ ކަމަށާއި ކުރިއަށް އޮތީ ދާއިރާގެ ފެންވަރު ރަނގަޅު ކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސިއްހީ ދާއިރާގައި ކުރިއަށް ކުރުމަށް ރާވާފައިވާ ކަންކަމާ ބެހޭ ގޮތުން 'ސަން' އާ ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ ދާއިރާގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރިކަން އެންމެ ފުރަތަމަ ގަބޫލުކުރާ ބަޔަކީ ވެސް ހެލްތު މިނިސްޓްރީ އާއި ސަރުކާރު ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވޭތުވެ ތިން އަހަރު ކުރި މަސައްކަތަކީ ސިއްހީ ދާއިރާއަށް ބޭނުންވާނެ ފެސިލިޓީސްތައް ހޯދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދެ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

"ސިއްހީ ދާއިރާ އިން ދޭ ހިދުމަތުގެ ފެންވަރު ކުރިއަށް އޮތް އަހަރުތެރޭގައި ބޮޑުތަން ރަނގަޅު ވެގެން ދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

ބަލި ދެނެގަންނަން މެޑިކަލް ޗެކްޕަ ހަދާ، މިހާރާ ހިލޭ ހެދޭނެ

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް 'ސަން' އަށް އިންޓަވިއު ދެއްވަނީ --- ސަންފޮޓޯ// މުހައްމަދު އަފްރާހް

ބަލި ބޮޑުވުމުގެ ކުރިން ބަލިން ދިފާއުވުމަށާއި، ބައްޔެއް ހުރިތޯ ދެނެގަތުމަށް މެޑިކަލް ޓެސްޓު ހެދުމަށް ހެލްތު މިނިސްޓަރު ނާޒިމް ވަނީ ހުރިހާ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ މެޑިކަލް ޗެކަޕް ހިލޭ ހެދޭނެ އިންތިޒާމު ވޭތުވެ ދިޔަ އަހަރުތެރޭގައި ހަމަޖައްސާފައިވާ ކަމަށެެވެ. އެހެންކަމުން މެޑިކަލް ޗެކަޕްގެ ހިދުމަތް ލިބޭ ތަނަކުން އާސަންދައިގެ ދަށުން ޗެކަޕް ހެދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހެލްތެއްގައި މި އޮންނަނީ ދެކަމެއް، އެއީ ބަލިވުމުގެ ކުރިން ބަލިން ރައްކާތެރި ވުމާއި. ބަލިވީމާ ބޭސްކުރުން. އަޅުގަނޑުމެން އާންމުކޮށް އަބަދުވެސް ދައްކަނީ ބަލިވީމާ ބޭސްކުރާ ވާހަކަ. އަޅުގަނޑުމެން ކުރިއަށް އޮތް ދެ އަހަރު ހަމަ ވަރަށް ބޮޑު އިސްކަމެއް ދޭނަން ގައިންގަޔަށް ނާރާ ބަލިތަކުން މީހުން ރައްކާތެރި ކުރުވުމަށް ހޭލުންތެރި ކުރުވުމަށް،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ހަކުރުބަލި، ލޭމައްޗަށް ދިޔުން އަދި ކެންސަރު ފަދަ ބޮޑެތި ބަލިތައް ކުރި ދެނެގަތުމަށް މެޑިކަލް ޗެކަޕު ހެދުން މުހިންމު ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މަންމަމެން އުމުރުގެ މީހުންނަށް ހަކުުރު ބަލި ހުރިކަން މި އެނގެނީ ކޮންމެސް އެހެން ބައްޔެއް ވެގެން ޑޮކްޓަރަށް ދެއްކީމާ. އެހެނެއް ނޫން. އޭގެ ކުރިން ބަލި ދެނެގަންނަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ކުޅިވަރާއި ކަސްރަތުގައި އުޅުމަށް ރައްޔިތުންނަށް ހިތްވަރު ދިނުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ކަސްރަތު ކުރުމަކީ ސިއްހަތަށް ރަނގަޅު ކަމަކަށްވެފައި ބަލިން ދިފާއުވުމަށް ބޮޑު ބާރެއް ލިބިދޭ ކަމަކަށް ވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.