ގްރެނީގެ ނަން ދީފައިވާ ދުނިޔޭގެ އެންމެ ދުވަސްވީ ކިލާ ވޭލް އޮކްޓޯބަރު މަހުގެ ފަހުން ފެނިފައި ނުވާތީ އޭތި މަރުވެފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށް ސައިންސުވެރިން ބުނެފި އެވެ.

ވޭލް މެނޮޕޯޒް ދިރާސާ ކުރުމަށް އިނގިރޭސި ސައިންސުވެރިން ކުރިއަށްގެންދާ ދިރާސާއެއްގެ ތެރެއިން، 100 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ގްރެނީ ދިރާސާ ކުރާތާ 40 އަށް ވުރެ ގިނަ އަހަރުވެއްޖެ އެވެ. އިންސާނުންގެ އިތުރުން މެނޮޕޯޒްއާ ކުރިމަތިލާން ޖެހެނީ ކިލާ ވޭލްސް އާއި ޝޯޓް ފިންޑް ޕައިލެޓް ވޭލްސް އެކަންޏެވެ.

އެދިރާސާގައި އިސްކޮށް އުޅުއްވާ ޕްރޮފެސާ ޑެރެން ކްރޮފްޓް ވިދާޅުވި ގޮތުގައި ގްރެނީ ނުވަތަ ސައިންސުވެރިން އާއްމުކޮށް ކިޔާ ނަމުން ނަމަ، ޖޭ2 އަކީ އޭތި އުޅުނު ޕޮޑްގައި ކުޑަ ވޭލްތަކަށް ކާންދީ، ކާނާ ހޯދަން ފަސޭހަ ސަރަހައްދުތަށް ދަސްކޮށްދިން ލީޑަރެވެ.

އަދި ޖޭ2 މަރުވި ނަމަވެސް ފާއިތުވި 40 އަހަރުގެ ތެރޭގައި އޭގެ ދިރިއުޅުމުން ލިބުނު މައުލޫމާތު ގިނަ އަހަރުތަކެއް ވަންދެން ބޭނުން ކުރެވޭނެ ކަމަށް ޕްރޮފެސާ ކްރޮފްޓް ވިދާޅުވި އެވެ