04 Jan 2017, 12:05
އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން އަންނަ ހަފްތާގައި އިއުލާންކުރާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ކަމަށް އިދިކޮޅު ޕާޓީ އެމްޑީޕީން ބުނެފި އެވެ.
އިންތިޚާބުތަކާ ގުޅޭ ގޮތުން ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމަށް ފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ އިންތިޚާބު ބާއްވަނީ ކޮންއިރަކުކަން އެނގިގެން ދިޔުމުން އެޕާޓީން އެކަމާ އުފާކުރާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ޔަގީންކަން އެބަލިބޭ އިރާދަކުރެއްވިއްޔާ މި އަންނަ ހަފާތާގެ ތެރޭގައި އިންތިޚާބު ބާއްވާނެ ތާރީޚު އިއުލާން ކުރެވިގެންދާނެ ކަމަށް. އަދި އެ ތާރީޚު ވެގެންދާނީ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާ ކަމަށް ވެސް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިގެން ހިނގައްޖެ،" އަލީ ނިޔާޒު ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ސަން އަށް ވިދާޅުވީ ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚަކާ ބެހޭ ގޮތުން އިންތިޚާބުތަކާ ގުޅޭ ގޮތުން ގައުމީ ލަފާދޭ ކޮމެޓީގައި މިއަދު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އަންނަ އާދީއްތަ ދުވަހު އިންތިޚާބު ބާއްވާނެ ތާރީޚެއް އިއުލާންކުރެވޭތޯ އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް އަކުރަމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ އެޕާޓީ އޮތީ އިންތިޚާބަށް ތައްޔާރުވެފައި ކަމަށާއި އިންތިޚާބާ ގުޅޭ ގޮތުން ޝަކުވާއެއް ނެތް ކަމަށެވެ.