ކޮޕާ ޑެލްރޭގައި ލަސް ޕަލްމާސް އަތުން މޮޅުވެ، އެތުލެޓިކޯ މެޑްރިޑުން ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ކޮޕާ ޑެލްރޭގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ރޭ އެތުލެޓިކޯ ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-0 ލަނޑުން މޮޅުވެފަ އެވެ.

އެ މެޗުގެ 14 ވަނަ މިނެޓުގައި ލަސް ޕަލްމާސް އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައިވެ އެވެ. ޖޮނަތަން ވިއޭރާ ނަގައިދިން ހުރަހަކުން އަސްޑްރޫބަލް އުފެއްދި އެ ހަމަލާ، އެތުލެޓިކޯގެ ކީޕަރު މިގެލް މޯޔާ ވަނީ މަތަކޮށްފަ އެވެ.

ކޮޕާ ޑެލްރޭގައި އެތުލެޓިކޯ މެޑްރިޑާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެތުލެޓިކޯ މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އީޕީއޭ

މެޗުގެ 23 ވަނަ މިނެޓުގައި އެތުލެޓިކޯ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. އެތުލެޓިކޯ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ކޮކޭ އެވެ. ލަސް ޕަލްމާސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އަށް ބޯޅަ ލިބުމާއެކު އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން އެތުލެޓިކޯ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެ ވަނަ ހާފު ފެށިތާ ހަ މިނެޓް ފަހުން އެތުލެޓިކޯ އިން ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ކެވިން ގެމޭރޯ ނަގައިދިން ހުރަހަކުން އެތުލެޓިކޯ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަން އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ބޮލުން އުފެއްދި ހަމަލާއަކުންނެވެ.

އެ މެޗުގެ ދެ ވަނަ ހާފުގައި އެތުލެޓިކޯ އަށް އިތުރު ލަނޑުތަކެއް ޖަހާނެ ފުރުސަތުތަކެއް ވެސް ލިބިފައިވެ އެވެ. އޭގެ ތެރޭގައި ގެމޭރޯ އާއި ގްރީޒްމަން އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

ކޮޕާ ޑެލްރޭގައި އެތުލެޓިކޯ މެޑްރިޑާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެތުލެޓިކޯ މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އީޕީއޭ

ކޮޕާ ޑެލްރޭގެ ގަދަ 16ގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ ވެލެންސިއާ އަތުން 4-1 ލަނޑުން ސެލްޓާ ވިގޯ ވަނީ މޮޅުވެފަ އެވެ. އެ މެޗުގައި ސެލްޓާގެ އިއާގޯ އަސްޕާސް އާއި، ޑެނިއެލް ވާސް އަދި ޖޯން ގޫޑެއްޓީ ލަނޑެއް ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ލަނޑަކީ ވެލެންސިއާގެ ހަވީ ޖިމެނޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ވެލެންސިއާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޑެނީ ޕަރޭހޯ އެވެ.

އޮސަސޫނާ އަތުން އައިބާ 3-0 ލަނޑުން ރޭ މޮޅުވި އިރު، ޑިޕޯޓިވޯ ލަކަރޫނާ އާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ.