21 Jun 2011, 12:28
ތޫނިސް: މަޤާމުން ދުރު ކުރެވިފައިވާ ތޫނިސްގެ ރައީސް ޒައިނުންޢާބިދީން ބިން އަލީ އާއި އޭނާގެ އަނބިކަނަބަލުން ލައިލާ އައްތަރާބްލްސީ 35 އަހަރަށް ޖަލަށް ލުމަށާއި އެތަށް މިލިޔަން ޑޮަލަރަކުން އެދެކަނބަލުން ޖުރިމާނާ ކުރުމަށް ތޫނިސްގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.
ޒައިނުންޢާބިދީން ބިން އަލީއާއި އަނބިކަނބަލުންގެ މައްޗަށް މިފަހަރު ހުކުމްކުރީ ކޮރަޕްޝަނުގެ މައްސަލާގައެވެ. ނަމަވެސް ވެރިކަމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމާއި ވެރިކަމާ ދެކޮޅަށް ސުލްޙަވެރި މުޒާހަރާތައް ކުރި ތޫނިސްގެ ޢާންމުންގެ ގަޔަށް ބަޑިޖަހައި އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މެރި މައްސަލާގައި އުމުރަށް ޖަލަށްލުމުގެ ޙުކުމެއް ބިންޢަލީގެ މައްޗަށް އަދި ކުރެވޭނެ ކަމަށް ޤާނޫނީ ތަޖްރިބާކާރުން ލަފާކުރެއެވެ. ބިންޢަލީގެ މައްޗަށް 93 ތުހުމަތެއް ކުރެވިފައިވެއެވެ.
މިމައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ބޭއްވުން 10 ދުވަހަށް ވަނީ ފަސްކުރެވިފައެވެ.
ސަޢޫދީ ސަރުކާރުގެ ޙިމާޔަތުގައި އެޤައުމުގައި ދިރިއުޅުއްވާ ބިންޢަލީއަށާއި އަނބިކަނބަލުންނަށް މިޙުކުމުގެ ސަބަބުން ޝޮކެއް ލިބިވަޑައިގެންނެވި ކަމަށް ޚަބަރުތައް ބުނެއެވެ.
އެދެކަނބަލުންވަނީ މި ޙުކުމަށާއި ޙުކުމުގެ ކުރިން ކުރެވުނު ހުރިހާ ތުހުމަތު ތަކަކަށް އިންކާރު ކުރައްވާފައެވެ.
ޢުމުރުފުޅުން 74 އަހަރުގެ ބިންޢަލީގެ ވެރިކަން ވެއްޓުނީ ރައްޔިތުންގެ އުތުރިއެރުމެއްގައި މިދޔަ ޖަނަވަރީމަހުގެ 14 ވަނަ ދުވަހުއެވެ. -- އަލްޖަޒީރާ