04 Jan 2017, 11:27
އިނގިރޭސި ޕްރިމިއާ ލީގުގައި، އާސެނަލް ކޮޅަށް ބޯންމައުތުުން ތިން ގޯލު ކާމިޔާބުކޮށްފައިވަނިކޮށް ފަހަތުން އަރައި 3-3ގެ ނަތީޖާއަކުން މެޗު އެއްވަރުކޮށް ބަލިނުވެ އާސެނަލް ސަލަމާތްވެއްޖެއެވެ.
އެ މެޗުން މޮޅުވެ އާސެނަލަށް ތާވަލުގެ ތިންވަނައަށް އަރަން ފުރުސަތު އޮތް ނަމަވެސް ލިބުނު އެއް ޕޮއިންޓާއެކު އޮތީ ޖުމްލަ 41 ޕޮއިންޓް ލިބިގެން ހަތަރު ވަނައިގައެވެ. ތިން ވަނައިގައި 42 ޕޮއިންޓާއެކު މެންޗަސްޓާ ސިޓީ އޮތްއިރު ލިވަޕޫލް އޮތީ 44 ޕޮއިންޓާއެކު ދެވަނައިގައެވެ. ބޯންމައުތު އޮތީ 25 ޕޮއިންޓާއި އެކު ނުވަ ވަނައިގައެވެ.
ރަށުން ބޭރުގައި އާސެނަލްއިން ކުޅުނު އެ މެޗުގައި ބޯންމައުތުގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފްގައި އެޓީމުން ވަނީ ދެ ގޯލު ކާމިޔާބުކޮށް މެޗުގެ ލީޑް ނަގައިފައެވެ. ފުރަތަމަ ގޯލު 16 ވަނަ މިނެޓްގައި ޗާލީ ޑެނިއަލްސް ކާމިޔާބުކޮށްދިން އިރު އޭގެ ހަތަރު މިނެޓް ފަހުން ކޯލަމް ވިލްސަން ވަނީ އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ދެވަނަ ހާފް ފަށައިގެން ވެސް ބޯންމައުތުން ރަނގަޅަށް ކުޅެ 58 ވަނަ މިނެޓްގައި ވަނީ ރިޔާން ފްރެސާގެ ގޯލުން ލީޑް އިތުރަށް ފުޅާކޮށްފައެވެ.
ތިން ގޯލުގެ ލީޑަކާއެކު މެޗު ނިމެން ދަނިކޮށް އާސެނަލަށް އުންމީދެއް ލިބުނީ 70 ވަނަ މިނެޓްގައި އެލެކްސިސް ސަންޗޭޒް އަދި އޭގެ ފަސްމިނެޓް ފަހުން ލޫކަސް ޕެރޭޒް ކާމިޔާބްކޮށްދިން ގޯލުންނެވެ. އާސެނަލަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިން ގޯލު މެޗުގެ އިތުރުވަގުތުކޮޅުގައި ކާމިޔާބުކޮށްދިނީ އޮލިވަ ޖިރޫވެ. ބޯންމައުތުން މެޗު ނިންމާލީ 82 ވަނަ މިނެޓްގައި އެޓީމްގެ ސިމޮން ފްރެންސިސްއަށް ދެއްކި ރަތްކާޑާއެކު 10 ކުޅުންތެރިންނާއި އެކުއެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ މެޗުގެ ކުރީކޮޅު ބޯންމައުތުގެ ވަރުގަދަ ކުޅުމާ އެކު އާސެނަލް ފަހަތަށް ޖެހުނު ކަމަށާއި އެކަމަކު ފަހު ވަގުތު އެއްވަރުކުރެވުނީ ކުޅުންތެރިން ނަފްސާނީ ގޮތުން ވަރުގަދަވުމުން ކަމަށެވެ.
ވެންގާ ބުނީ ބޯންމައުތު މެޗަށް ނުކުތީ ތިން ދުވަހު އަރާމުކުރުމަށް ފަހު ކަމަށާއި އާސެނަލަށް އެ ފުރުސަތު ނުލިބުމުން އޭގެ އަސަރުކުރި ކަމަށެވެ.
ވެންގާ ބުނީ ކައިރިކައިރީ ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ކުޅުންތެރިން ތިބީ ވަރުބަލިވެފައި ކަމަށާއި އޭގެ ފައިދާ ނަގައި އިދިކޮޅު ޓީމުން ކުޅުނީ ވަރުގަދަ ފިޒިކަލް ގޭމެއް ކަމަށެވެ.
"އަހަރެމެންނަށް މައްސަލައެއް ނޫން ގިނަ މެޗުތަކެއް ކުޅެން ޖެހުމަކުން. ނަމަވެސް އިދިކޮޅަށް ނިކުންނަ ޓީމުން ވެސް އެ އަދަދަށް މެޗު ކުޅެން ޖެހޭނެ. އެހެން ނުވުމުގެ ނަތީޖާ މި ފެނުނީ،" ވެންގާ ބުންޏެވެ.
ވެންގާ ބުނީ ރޭގެ މެޗުން އެޓީމް ބޯންމައުތު އަތްދަށުނެވެ ސަލާމަތްވެވުނީ ކުޅުންތެެރިންގެ ބުރުމަސަތްކަތާއި މެންޓަލީ އެކުޅުންތެރިން ފިޓް ކަމުން ކަމަށެވެ.