މެނީލާ(ޖެނުއަރީ 4): ހަތިޔާރު އަޅައިގެން ތިބި ބަޔަކު ފިލިޕީންސްގެ ޖަލަކަށް ހަމަލާދީ 150 ގައިދީން މިނިވަންކޮށްފި އެވެ.

ހަތިޔާރު އަޅައިގެން ތިބި މީހުން ހަމަލާ ދިނީ މިންޑަނާއޯ އައިލެންޑުގެ ކިޑާޕަވަން ސިޓީގައި ހުންނަ ޑިސްޓްރިކްޓް ޖަލަކަށެވެ. އެ ހަމަލާގައި އެއް ސެކިއުރިޓީ ގާޑު މަރުވި އިރު އެއް ގައިދީއަށް އަނިޔާވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޖަލުގެ ވޯޑެން ޕީޓާ ބޮންގެޓް ވިދާޅުވި ގޮތުގައި ގައިދީން ފިލާފައިި ވަނީ ހަތިޔާރު އެޅި މީހުންނާއި ސެކިއުރިޓީ ގާޑުންނާ ދެމެދު ހަމަލާ ބަދަލު ކުރަމުން ދަނިކޮށެވެ. އެ ހަމަލާ ދީފައި ވަނީ ޖަލުގައި ތިބި، ސަރުކާރާ އިދިކޮޅު ފަރާތްތަކެއް މިނިވަން ކުރަން ކަމަށް ބެލެވޭ ކަމަށް ބޮންގެޓް ވިދާޅުވި އެވެ.

ފިލިޕީންސްގެ ފުލުހުންނާއި އަސްކަރިއްޔާއިން މިހާރު ދަނީ ފިލާފައިވާ ގައިދީން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ފިލިޕީންސްގެ ކަމާ ބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި އެ ހަމަލާތަކުގެ ފަހަތުގައި ވަނީ އެގައުމުގެ ދެކުނުގައި ވަކިވެގަނެގެން ދިރިއުޅޭ އިސްލާމީ ޖަމާއަތްތަކެކެވެ. އެގޮތުން މޮރޯ އިސްލާމިކް ލިބެރޭޝަން ފްރޮންޓް (އެމްއައިއެލްއެފް) އާއި އަބޫ ސައްޔާފު ފަދަ ޖަމާއަތްތަކުން ވަނީ ކްރިސްޓިއަނުންގެ އާބާދީ ބޮޑު ފިލިޕީންސަށް ޓެރަރިސްޓު ހަމަލާތައްދީ، ފައިސާ ހޯދުމުގެ ބޭނުމުގައި ފަތުރުވެރިން ވަގަށް ނަގާފައެވެ.

ފިލިޕީންސް ސަރުކާރުން ވަނީ އެމްއައިއެލްއެފްއާ އެކު ސުލްހައިގެ އެއްބަސްވުމެއް ހަދާފައެވެ. ނަމަވެސް އެޖަމާއަތުގެ ތެރޭގައި ބައިބައިވުން އުފެދި، ބައެއް ފެކްޝަންތަކުން ވަނީ ސަރުކާރާ އެކު ހެދި އެއްބަސްވުމަށް އަމަލު ކުރަން ދެކޮޅު ހަދާފައެވެ. (ބީބީސީ)