04 Jan 2017, 00:02
ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)އަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށްޓަކާ ޕީއެޗްޑީއަށް ކިޔެވުމަށް ނުވަ މީހަކަށް އަދި މާސްޓާސް ފެންވަރަށް ކިޔެވުމަށް އެކަކަށް ސްކޮލަޝިޕް ދީފި އެވެ.
އެ ސްކޮލަޝިޕް ފުރުސަތުތަކަކީ އެމެރިކާގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (އައިއައިއައިޓީ)ގެ ފަރާތުންނާއި ބުރުނާއި ދާރުއްސަލާމުގެ ގައުމީ ޔުނިވަސިޓީ (ޔޫބީޑީ) ފަރާތުން އައިޔޫއެމަށް ދީފައިވާ ޕީއެޗްޑީ ސްކޮލަޝިޕުގެ އަށް ފުރުސަތާއި އައިޔޫއެމްގެ ސްޓާފުންނަށް އެ ޔުނިވާސިޓީން ދީފައިވާ ޕީއެޗްޑީ އަދި މާސްޓާސް ފެންވަރުގެ ސްކޮލަޝިޕް ފުރުސަތެކެވެ.
އައިޔޫއެމްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސްކޮލަޝިޕް ފުރުސަތުތަކަށް ހޮވުނު ދަރިވަރުންނަށް ސްކޮލަޝިޕް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އައިޔޫއެމްގެ ކުރީގެ ކައުންސިލް މެމްބަރު އަދި މިހާރު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މުނައްވަރެވެ.
އައިޔޫއެމްގެ ފަރާތުން ސްކޮލަޝިޕްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްކޮލަޝިޕް ލިބުނު މީހަކަށް އެކަމުގެ ލިޔުން ހަވާލުކުރަނީ --- ފޮޓޯ/ މުހައްމަދު އަފްރާހް
މިރޭ ހަވާލު ކުރި ސްކޮލަޝިޕް ފުރުސަތުތަކުގެ ތެރެއިން ޔޫބީޑީން ދީފައިވާ ހަތަރު ޕީއެޗްޑީ ސްކޮލަޝިޕް ފުރުސަތުތަކަކީ ޓިއުޝަންފީ މާފު ކޮށްދެއްވާފައިވާ ފުރުސަތުތަކެކެވެ. އަދި ކޯސް ފުރިހަމަކުރުމަށްފަހު އިސްލާމީ ޔުނިވާސިޓީއަށް ނުވަތަ ގައުމަށް އެއްބަސްވެވޭ މުއްދަތަކަށް ހިދުމަތް ކޮށްދިނުމަށް ބޮންޑު ކޮށްދޭ ސްކޮލަޝިޕް ތަކެކެވެ.
އައިއައިއައިޓީން ދީފައިވާ ހަތަރު ޕީއެޗްޑީ ސްކޮލަޝިޕް ފުރުސަތުގައި ވެސް ޓިއުޝަންފީ އާއި ކިޔެވުމަށް ބޭނުންވާނެ މެޓީރިއަލްސް ގޮތުގައި ޔުނިވާސިޓީން ކަނޑައަޅާފައިވާ މެޓީރިއަލްސްގެ އިތުރުން މަހަކު 850 މެލޭޝިއަން ރިންގިޓް (190 އެމެރިކާ ޑޮލަރު) ދޭނެއެވެ.
އައިޔޫއެމްގެ ފަރާތުން ސްކޮލަޝިޕްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޭގެ އިތުރުން ސެޓެލްމަންޓް އެލަވެންސްގެ ގޮތުގައި 1000 ރިންގިޓް (224 އެމެރިކާ ޑޮލަރު) ސްކޮލަޝިޕަށް ހޮވޭ ކޮންމެ ދަރިވަރަކަށް ލިބޭނެއެވެ. އަދި ކޯށް ފުރިހަމަކުރުމަށްފަހު އިސްލާމީ ޔުނިވާސިޓީއަށް ތިން އަހަރާއި ހަ އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތް ކޮށްދިނުމަށް ބޮންޑުކުރެވޭނެ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިޔޫއެމްގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެ ޔުނިވާސިޓީން މީހުން ބިނާ ކުރި ނަމަވެސް އެހެން އެ މީހެއްގެ ފިކުރާއި އިލްމު އެހެން މުއައްސަސާތަކަށް ވެސް ފޯރުކޮށްދީ، ލިބިފައިވާ އިލްމެއް އެހެން ބަޔަކަށް ފޯރުކޮށްދީ ފަތުރަންޖެހޭ ކަމަށެވެ.
އައިޔޫއެމްގެ ފަރާތުން ސްކޮލަޝިޕްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ މުހައްމަދު އަފްރާހް
ޝަހީމް ވަނީ، ލިބުނު ފުރުސަތު ބޭކާރުކޮށް ނުލާ ރާއްޖޭން ބޭރުން ތައުލީމް ހާސިލްކުރުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތް ހިދުމަތް ކުރެއްވުމަށް ވެސް މިރޭ ގޮވާލައްވާފަ އެވެ.
"ކުއްޖަކު ކިޔަވަން ވާނީ ގައުމަށް ހިދުމަތް ކުރަން. އިލްމު ހޯދައިގެން ގައުމަށް ހިދުމަތް ކުރަން ކިޔަވާނީ. ކިޔަވާ ނިމިގެން އަންނަންވާއިރަށް ވަޒީފާ އެ މީހެއްގެ ފަހަތަށް އަންނާނެ. ކިޔަވާނީ ވަޒީފާ ހޯދާކަށް ނޫން. ކިޔަވަން ވާނީ އުއްމަތައް ހިދުމަތް ކުރަން. ކިޔަވަން ވާނީ އިލްމު ފެތުރުއްވުމަށް،" ޗާންސެލަރު ޝަހީމް ވިދާޅުވިއެވެ.