21 Jun 2011, 12:23
ދެކުނު އޭޝިޔާ ސަރަހައްދުގައި މުއްސަނދިންނާއި ފަގީރުންނާ ދެމެދު އޮންނަ ފަރަގު އަދިވެސް ދަނީ ފުޅާވަމުން ކަމަށާއި އެކަން ހުއްޓޭތަން ނުފެންނަ ކަމަށް މިނިސްޓަރު އޮފް ސްޓޭޓް ފައިނޭންސް އެންޑް ޓްރެޝަރީ މައިޒާން އާދަމް މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިޔާ އާއި ސްރީލަންކާ އަދި ރާއްޖެއާ ދެމެދު ފެރީގެ ނިޒާމަކުން ގުޅާލުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ރަސްމީގޮތުން ފެއްޓުމަށް ޓަކައި އެ ތިން ގައުމާއި އޭޝިއަން ޑިވަލޮޕްމެންޓް ބޭންކް [އޭޑީބީ]ގެ އިސް އޮފިޝަލުން މިއަދު ފެއްޓި ރަސްމީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ މުއްސަނދިން އެމީހުން ބޭނުންވާ ތަނަކަށް ބޭނުން ސްޕީޑެއްގައި ދަތުރުކުރަމުންދާ އިރު ފަގީރުން ތިބީ އެމީހުން ދިރިއުޅޭ ރަށާ ކައިރީގައިވާ ރަށަށް ވެސް ނުދެވިފައި ކަމަށެވެ.
"މިސަރަހައްދުގައި، އަޅުގަނޑުމެން އެންމެން އަދި ވެސް ކަންބޮޑުވާން ޖެހޭ މައްސަލައަކީ ފަގީރު ކަމުގެ މައްސަލަ. މުއްސަނދިންނާއި ފަގީރުންނާ ދެމެދު އޮތް ފަރަގު އަދިވެސް ދަނީ ފުޅާވަމުން. އެކަން ހުއްޓޭތަނެއް ނުފެނޭ،" ނަސަންދުރަ ޕެލަސް ހޮޓަލުގައި މިއަދު ހެނދުނު އޮތް ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން އާދަމް މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެރީގެ ހިދުމަތް ފެއްޓުމުން މިސަރަހައްދުގެ މުއްސަނދިނޫން މީހުން އެ ހިދުމަތް ބަލައިގަންނާނީ އުފަލާ އެކު ކަމަށެވެ.
ސަރަހައްދީ ފެރީގެ ހިދުމަތް ފެށުމަކީ ފަގީރުކަން ނައްތާލުމަށް އެހީއަކަށް ވާނެ ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ. އެގޮތުން އެއް މާކެޓް އަނެއް މާކެޓާ ގުޅި ވިޔަފާރީގެ ހަރަކާތްތައް ފެށިގެން ދާނެ ކަމަށާއި މިމަޝްރޫއުގެ ހަގީގީ ކާމިޔާބީ އަކަށް ވާނީ އެކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވިފައިވާ ކަން އުފަލާ އެކު އިއުލާން ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި އޭޝިޔަން ޑިވަލޮޕްމެންޓް ބޭންކްގެ އެސްއޭޓީސީ ޑިރެކްޓަރު ރިއާޒް ހާމިދުﷲ އާއި ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އާދިލް ސަލީމް އަދި ރާއްޖެ އާއި ސްރީލަންކާ އަދި އިންޑިޔާގެ ދަތުރުފަތުރާ ބެހޭ ވުޒާރާތަކުގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދަތުރުތައް ހަމަޖައްސާނެ ގޮތުގެ ތަފުސީލެއް ނުދެ އެވެ.