03 Jan 2017, 21:58
ގިނަ ކުޅިވަރުތަކުގައި އަދި ހާއްސަކޮށް ފުޓްބޯޅައިގައި ބޯލް ބޯއީއިންގެ ދައުރަކީ ވަރަށް ފާހަގަކޮށް ޖެހޭ ދައުރެކެވެ. ބޯލް ބޯއީއިންނަކީ ކުޅުންތެރީންނަށް ވަގުތު ސަލާމަތްކޮށް ދިނުގައި އިސްދައުރެއް އަދާކުރާ މީހުން ނުވަތަ ކުދިންނެވެ. ބޯލް ބޯއީއިންގެ ފަރާތުން ތަފާތު ބައެއް ކަންތައްތައް ފެންނަމުންދާ އިރު، މިފަހަރު މިވަނީ ވަރަށް ވެސް ތަފާތު ކަމެއް ފެނިގެންގޮސްފައެވެ.
މިފަހަރު ބޯލް ބޯއީ އަކު މި ވަނީ އޮސްޓްރޭލިއާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޓިމް ކޭހިލްއާ ދެކޮޅަށް ނުކުމެފައެވެ. އިނގިރޭސި ކްލަބު އެވަޓަން އާއި އޮސްޓްރޭލިއާ ގައުމީ ޓީމުން ވިދާލި ޓިމް ކޭހިލްގެ މައްޗަށް ކުރި ހޯދީ ވެސް ބޯލް ބޯއީ އެވެ.
އޮސްޓްރޭލިއާގެ އޭ ލީގުގައި ސެންޓްރަލް ކޯސްޓް މެރީނާއާ ދެކޮޅަށް ކުޅުނު މެޗެއްގައި މެލްބޯން ސިޓީގެ ޓިމް ކޭހިލް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރުމަށް ދަނިކޮށް، އެ މެޗުގެ ބޯލް ބޯއީއަކު ވަނީ ހުރަސް އަޅައިފައެވެ. އެ ބޯލް ބޯއީ ވަނީ ޓިމް ކޭހިލް އުފާފާޅުކުރުމަށް ކޯނަރު ދަނޑި ކައިރީ ހުއްޓުމުގެ ކުރިން ކޯނަރު ދަނޑި ނަގައިފައެވެ.
ޓިމް ކޭހިލް ލަނޑެއް ޖެހުމަށް ފަހު އާންމުކޮށް އޭނާ ކޯނަރު ދަނޑި ކައިރިއަށް ގޮސް، ބޮކްސިންގެ އުކުޅުތަކެއް ދައްކާލައެވެ. ނަމަވެސް މިފަހަރު ޓިމް ކޭހިލް ޖެހުނީ ހުސްއަތާ އެ އުކުޅުތައް ދައްކާށެވެ. ސަބަބަކީ ކޯނަރު ދަނޑި ނައްޓާލައިގެން ބޯލް ބޯއީ ހުއްޓިގެން ހުރީ ތަންކޮޅެއް ދުރުގައި ކަމަށް ވުމުންނެވެ. އުފާފާޅުކުރުމަށްފަހު ޓިމް ކޭހިލްއަށް ވީ ވަރަށް މަޖާ ކަމަކަށެވެ. އާ ކަމަކަށެވެ.

ކޯނަރު ދަނޑި ނައްޓާލި ބޯލް ބޯއީއާ ޓިމް ކޭހިލް ބައްދަލުކުރަނީ ----
އެ މެޗަށްފަހު، ކޯނަރު ދަނޑި ނައްޓާލި ބޯލް ބޯއީ ބުނީ، އޭނާ ކޯނަރު ދަނޑި ނައްޓާލީ ކުރީން ވެސް އެއީ ރޭވިފައި އޮތްކަމެއް ކަމަށް ވާތީ ކަމަށެވެ. އަދި ޓިމް ކޭހިލް ލަނޑުޖަހާނެ ކަމާއި، އުފާ ފާޅުކުރާނީ ކޯނަރު ދަނޑި ބޭނުންކޮށްގެންކަން ވެސް އެނގޭ ކަމަށް އެ ކުއްޖާ ބުންޏެވެ.
ސެންޓްރަލް ކޯސްޓް މެރީނާ އަތުން 2-2 ލަނޑުން މެލްބީން ސިޓީ އެއްވަރުވި މެޗަށްފަހު، ޓިމް ކޭހިލް ވަނީ އެ ކުއްޖާއާ ބައްދަލުވެސް ކޮށްފައެވެ. އެކަމާ ގުޅިގެން ޓިމް ކޭހިލްގެ ސަޕޯޓަރެއްކަން ފަހުން ބުނި ކުއްޖާއަށް ކޭހިލްއާ ބައްދަލުވެލުމުގެ އުފާ ވެސް ލިބިގެންދިޔައެވެ.