03 Jan 2017, 17:43
ައައްމާން (ޖެނުއަރީ 3): ރަޝިއާ އާއި ތުރުކީން އިސްނަގައިގެން މިމަހުގެ ފަހުކޮޅު ބާއްވަން ހަމަޖައްސާފައިވާ ސީރިއާގެ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިނުވާނެ ކަމަށް ސީރިއާގެ އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.
އިދިކޮޅު ފަރާތްތަކުން އާއްމުކުރި ބަޔާނެއްގައިވާ ގޮތުން ސުލްހައިގެ ވާހަކަތަކުގައި ބައިވެރިނުވާން ނިންމީ ސީރިއާގައި ހަނގުރާމަ މެދުކަނޑާލުމަށް މިދިޔަ ބުރާސްފަތި ދުވަހު ހެދި އެއްބަސްވުމާ އެގައުމުގެ ސަރުކާރުން ތަކުރާރުކޮށް ހިލާފުވުމުންނެވެ. އެސުލްހައިގެ ވާހަކަތައް ބާއްވަން ހަމަޖައްސާފައި އޮތީ ކަޒަކިސްތާނުގެ ވެރިރަށް އާސްތާނާގަ އެވެ.
"ސަރުކާރާއި ސަރުކާރާ އެއްބައިވާ ފަރާތްތަކުން ދަނީ އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވެ، ހަމަލާތައް ދެމުން. ސަރުކާރުން އެއެއްބަސްވުމާ ހިލާފުވަމުން ދިޔުމުގެ ސަބަބުން އާސްތާނާގައި އޮތް ވާހަކަތަކާ ގުޅުން ހުރި ހުރިހާ މަޝްވަރާތަކުގައި ބައިވެރިވުން ހުއްޓާލަން އިދިކޮޅު ފަރާތްތަކުން އިއުލާންކުރަން،" އިދިކޮޅު ފަރާތްތަކުގެ ބަޔާނުގައިވެ އެވެ.
ސީރިއާ ސަރުކާރުން ހަމަލާދެމުންދާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ވާދީ ބަރާދާ އާއި ދިމިޝްގުގެ ހުޅަނގުއުތުރު ހިމެނެ އެވެ.
ނަމަވެސް އެސަރަހައްދަކީ ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ހެދި އެއްބަސްވުމުގައި ނުހިމެނޭ ޖަމާއަތެއް ކަމަށްވާ ޖަބްހަތް ފާތިހު އަލް ޝާމް (ޖޭއެފްއެސް)ގެ ބާރުގެ ދަށުގައިވާ ސަރަަހައްދެއް ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި ސީރިއާ އަސްކަރިއްޔާއިން ވަނީ އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. (ބީބީސީ)