ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ރާއްޖެއަށް އާ ދެ ކޯހެއް ތައާރަފްކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެންޔޫން އިން އަލަށް ތައާރަފްކުރީ ފެކަލްޓީ އޮފް ސައިންސް އިން ފަށާބެޗްލާސް އޮފް ސައިންސްއަދި ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލޮޖީ އިން ފަށާބެޗްލާސް އޮފް އާޓްސް އިން އިންޓީރިއާ ޑިޒައިނިންނެވެ.

ތިން އަހަރު ދުވަހުގެ އެ ދެ ކޯހަށް ވެސް ދީފައި ވަނީ ޖުމްލަ 60 ފުރުސަތެވެ. އަދި މިމަހު ފަށަން ނިންމާފައިވާ އެ ދެ ކޯހަކީ ވެސް ފުލްޓައިމްކޮށް މާލޭގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކޯސްތަކެކެވެ.

އޭގެ ތެރެއިން ސައިންސް ކޯހުގައި ހިމެނޭ ބަޔޮލޮޖީ، ކެމިސްޓްރީ އަދި ފިޒިކްސްގެ މާއްދާތަކުން ހާއްސަވުމަށް ކޮންމެ މާއްދާއަކުން 10 ފުރުސަތެއް ހުޅުވާލާފައިވެއެވެ.

އެމްއެންޔޫ އިން ބުނީ، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި މަހުގެ އިންޓޭކަށް އެމްއެންޔޫ އިން ފައުންޑޭޝަނުން ފެށިގެން މާސްޓާސް ފެންވަރުގެ 96 ކޯހަކުން 5480 ޖާގައެއް ހުޅުވާލިއެވެ. އަދި އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ވަނީ ހަމަވެފައެވެ.