03 Jan 2017, 16:38
އެކިއެކި ހަރަކާތްތަކާއި ޖަލްސާތައް ބޭއްވޭނެ ފަދަ ދަރުބާރުގެއެއް ލ. އަތޮޅުގައި އެޅުމަށް ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ހާމަކުރައްވައިފިއެވެ.
ލ. ކައްދޫގައި ހުންނަ އިސްކަންދަރު ވައިގެ މަރުކަޒުގައި ކާގޯ އަދި ވީއައިޕީ ލައުންޖެއް ހުޅުވުމަށް އާދީއްތަ ދުވަހު އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޑިފެންސް މިނިސްޓަރު ވިދާޅުވީ، އިސްކަންދަރު ވައިގެ މަރުކަޒުގެ ސަބަބުން ލ. އަތޮޅަށާއި އެ ސަރަހައްދަކީ މުހިންމު، އިގްތިސާދީ ނާރެހަކަށް ބަދަލުވެގެން ދާނެ ދުވަސް ދެކިވަޑައިގަންނަވަން ބޭނުންވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެކަން ކުރުމަށްޓަކައި، މިއަހަރުގެ ތެރޭގައި ކައްދޫގައި ދަރުބާރުގެއެއް އަޅައި، މުހިންމު ހަރަކާތްތައް ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގައި އެބަހުރި މިއަހަރުގެ ތެރޭގައި މިތަނުގައި ކޮންވެންޝަން ސެންޓަރެއް ގާއިމުކޮށް، މުހިންމު އިވެންޓުތަކާ ހަރަކާތްތައް މިތަނުގެ ތެރޭގައި ބޭއްވިގެން ދާނެ އިންތިޒާމު ހަމަޖެއްސުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެކަމުގެ ސަބަބުން ލ. އަތޮޅަށް އިގްތިޞާދީ ގޮތުން ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.
މާލެއިން ބޭރުގައި ބޮޑު ދަރުބާރުގެއެއް އެންމެ ފުރަތަމަ އެޅީ 2011 ވަނަ އަހަރުގެ ސާކް ސަމިޓު ބޭއްވުމަށް، އައްޑޫ ސިޓީގެ ހިތަދޫގައެވެ. އިކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރ (އީސީސީ)ގެ ނަމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހުޅުވި މި ދަރުބާރުގެ ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވޭތުވެފައިވާ އިރު، ސަރުކާރުން ދާދި ފަހުން ވަނީ އެތަނުގައި ޓާޝަރީ ލެވެލް ހޮސްޕިޓަލެއް އެޅުމަށް ނިންމާފައެވެ.
ސަތޭކަ އެނދުގެ ހޮސްޕިޓަލެއް އީސީސީގައި އެޅުމަށް ސަރުކާރުން ވަނީ އެވެ.
އީސީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ސަރުކާރުން ނިންމި ނަމަވެސް، މިދިޔަ ނޮވެމްބަރު މަހު އިކޮނޮމިކް މިނިސްޓަރު ޖަލްސާއާއި ބައްދަލުވުން ބޭއްވުމުގެ ފަތުރުވެރިކަން ނުވަތަ މައިސް ޓުއަރިޒަމް ވަރަށް ފުރިހަމަކޮށް ރާއްޖޭގައި ހިންގިދާނެއެވެ.
މައިސް އަކީ "މީޓިންގްސް، އިންސެންޓިވްސް، ކޮންވެންޝަންސް އެންޑް އެގްޒިބިޝަންސް" އަށް ބޭނުންކުރާ ކުރު ގޮތެކެވެ.
"ދުނިޔޭގައި ވަރަށް ކުރިއަރާފައިވާ މާކެޓެއް މި މާކެޓަކީ. ރާއްޖެއިން މައިސް ޓޫރިޒަމް ކެޕިޓަލައިޒް ކޮށްފިއްޔާ ވަރަށް ފުރުސަތުތައް ލިބޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.