03 Jan 2017, 15:04
އަންހެން ވޮލީ އިތުރަށް ކުރިއެރުވުމަށްޓަކައި ރިސޯޓް މުބާރާތެއް މިއަހަރު ކުރިއަށްގެންދާނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި އަންހެން ވޮލީކުޅުންތެރީންނަށް އެހާ ގިނަ މުބާރާތްތަކެއް ކުރިއަށް ގެންގޮސްފައި ނުވި ނަމަވެސް، މިއަހަރު ދެ ޖިންސްގެ ކުޅުންތެރީންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭނެ ކަމަށް ލަތީފް ވިދާޅުވެ އެވެ.
"އަންހެން އަދި ފިރިހެން ވޮލީ ކުޅުންތެރީން މިއަހަރު ހަމަހަމަ ފުރުސަތުތަކެއް އަޅުގަނޑުމެން ތަނަވަސްކޮށްދޭނަން. އަންހެން ވޮލީ އިތުރަށް ކުރިއެރުވުމަށްޓަކައި ރިސޯޓް މުބާރާތެއް އަޅުގަނޑުމެން ކުރިއަށްގެންދާނަން. އަދި މިއަހަރު އަތޮޅުތެރޭގައި ވަކިވަކި މުބާރާތްތައް ވެސް މިއަހަރުތެރޭގައި ހިންގާނަން،" އޭނާ ވިދާޅުވި އެވެ.
ނިމިގެންދިޔަ އަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގައި ޕޮލިސް ކްލަބާއި މޯލްޑިވިއަން ބައްދަލުކުރި މެޗުގެ ތެރެއިން: އަންހެން ކުޅުންތެރިންނަށް ވެސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭނެ ކަމަށް ވީއޭއެމްގެ ރައީސް ވިދާޅުވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ލަތީފް ވިދާޅުވީ، މިއަހަރު ވޮލީ ޕްރޮގްރާމްތައް ކުރިއެރުވުމަށް މަސައްކަތްތައް ކުރެވެމުންދާ އިރު ދިވެހި ސަރުކާރުން ވޮލީ ކުރިއެރުވުމަށްޓަކައި އަދި ކުޅިވަރު ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މެނިފެސްޓޯގެ ތެރެއިން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފާނެ ކަމަށެވެ. އަދި ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ރަށްރަށުގައި ތަރައްގީކުރާ ވޮލީ ކޯޓުތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި، ވޮލީ ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.