މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ އެއްވެސް ތަނެއްގައި، އަދި އެތަންތަނުގެ ކެފޭއާއި ފިހާރަތަކުގައި އެނާޖީ ޑްރިންކްސް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހެލްތު ފެސިލިޓީތަކުގައި ހުންނަ ކެފޭ އަދި ފިހާރަތަކާއި، އެނޫންވެސް ތަންތަނުގައި އެނާޖީ ޑްރިންކްސް ވިއްކުމަކީ މަނާކަމެއް ކަމަށެވެ.

އަދި ސިއްހީ ޚިދުމަތާ ގުޅުންހުރި އެއްވެސް ތަނެއްގެ އިމާރާތާއި ގޯތިތެރެއަށް އެނާޖީ ޑްރިންކްސް ވެއްދުމާއި ބޭނުންކުރުމަކީވެސް މަނާކަމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓްރީން އެނާޖީ ޑްރިންކްސް މަނާކުރި މި ދަނޑިވަޅަކީ، އެނާޖީ ޑްރިންކްސްއާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު އަޅަމުންދާ ދަނޑިވަޅެކެވެ. އެގޮތުން، އާންމު ތަންތަނުގައި އެނާޖީ ޑްރިންކްސް ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައިވެސް ވަނީ މަނާކޮށްފައެވެ.

އެނާޖީ ޑްރިންކްތަކުގައި ސްޕޯޓްސް ޑްރިންކްގައި ނުހިމެނޭ، ކެފެއިން އާއި ޖިންސެންގް ފަދަ ހަށިގަނޑަށް ގެއްލުން ދެނިވި ބާވަތްތައް ހުރެއެވެ. އެނާޖީ ޑްރިންކްސް ނުވަތަ ހަކަތަ ލިއްބައިދޭ ކަމަށްބުނާ ބުއިންތަކުގައި "ކެފެއިން"، "ގުވަރާނާ"، "ޓޯރިން"، "ގިންގކޯ ބިލޯބާ"، "ޖިންސެންގް" ފަދަ ބާވަތްތަކުގެ ފަތްޕިލާވެލިން ނަގާ މާއްދާތައް ހިމެނެއެވެ.

މިމާއްދާތައް ފައިދާހުރި މާއްދާތަކުގެ ގޮތުގައި އިސްތިހާރު ކުރެވުނު ނަމަވެސް މިމާއްދާތައް އެނާޖީ ޑްރިންކްސްގެ ބާވަތްތަކުގައި މާގިނައިން ހިމެނޭތީ ހަށިގަނޑަށް ގެއްލުން ލިބޭކަން ދިރާސާތަކުން ހޯދިފައިވެއެވެ.