03 Jan 2017, 14:42
ހދ. ކުޅުދުއްފުށީ ސްޕީޑް ލޯންޗުގެ ފަޅުވެރިއަކާއި ކެޕްޓަން ރަހީނުކުރި މައްސަލާގައި ހަ އަހަރު ފަހުން ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.
ހާދިސާ ހިނގިއިރު އެ ދެ މީހުންނަކީ 18 އަހަރު ނުފުރޭ ކުޑަކުދީންނެވެ. އޭގެ ތެރެއިން އެކެއްގެ އުމުރަކީ 16 އަހަރެވެ. އަނެއް ކުއްޖާގެ އުމުރަކީ 17 އަހަރެވެ. މިހާރު އެ ދެ ކުދީންގެ ތެރެއިން އެއް ކުއްޖަކަށް 23 އަހަރު އަނެއް ކުއްޖާއަށް 22 އަހަރު ވަނީ ފުރިފައެވެ.
ދައުލަތުން އުފުލި ދައުވާގައި ވަނީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ހަވީރު 4:20 ހާއިރު ހ. މަކުނުދޫން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދިޔަ ސްޕީޑް ލޯންޗުގައި ގޮސް އެ ލޯންޗުގެ ކެޕްޓަން ކުޅުދުއްފުށީ ބަގީޗާގޭ އަހުމަދު ހަސަން އާއި އެ ލޯންޗުގެ ފަޅުވެރިއަކަށްހުރި ކުޅުދުއްފުށީ ޕާޓީގޭ ޖައުފަރު މުހައްމަދަށް ވަޅިން ބިރުދައްކައިގެން އެ ދެ މީހުންގެ ބެލުމުގެ ދަށުން އެ އަތޮޅު ވައިކަރަދުއަށް އެ ލޯންޗު ގެންގޮސްފައިވާ ކަމަށެވެ.
އެ ދެ މީހުންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ކުރީގެ ޓެރަރިޒަމް ގާނޫނުގެ ދަށުންނެވެ. ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ދެ މީހުންގެ ތެރެއިން އެކަކު ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސާފައިވާތީ މި މަހުގެ އަށް ވަނަ ދުވަހު އޭނާ ދައުވާއަށް ޖަވާބުދާރީވާން އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.