ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ މިއަހަރުގެ ލަނޑުދަނޑިއަކީ ދިވެހިރާއްޖެއަށް ވޮލީބޯޅައިން ރަން މެޑައްޔެއް ހޯދުން ކަމަށް އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ވޮލީބޯޅައިން ރާއްޖެ ވަނީ ފާއިތުވެދިޔަ ދެ އަހަރު ވެސް މެޑަލްއެއް ހޯދައިފައެވެ. އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކޮށް، 2015 ވަނަ އަހަރު ރާއްޖެއިން ރިހި މެޑައްޔެއް ހޯދި އިރު، ނިމިގެންދިޔަ އަހަރު ރާއްޖެއިން ލޯ މެޑައްޔެއް ހޯދިއެވެ.

"މިއަހަރަކީ އަޅުގަނޑުމެން ވޮލީގައި ރަން މެޑަލްއެއް ދިވެހިރާއްޖެއަށް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ތަސައްވަރު އޮތް އަހަރެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވޮލީ އާއިލާގެ ހުރިހާ ބޭފުޅުން ގުޅިގެން މަސައްކަތްކޮށްފި ކަމަށް ވަންޏާ މި ކާމިޔާބަކީ އަޅުގަނޑުމެންނަށް ހޯދޭނެ ކާމިޔާބީއެއްކަން އަޅުގަނޑަށް ހަމަ ޔަގީން،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ، މިއަހަރަކީ ވޮލީއަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ އަހަރެއް ކަމަށާއި ވީއޭއެމްގެ ހިންގާ ކޮމިޓީން ވަރަށް ފުރިހަމަ ކަލަންޑަރެއް އެކުލަވާލައި، ކަލަންޑަރު އިއުލާންކުރުމުގެ ކަންތައް އަންނަ ހަފްތާތެރޭ ކުރެވިގެންދާނެ ކަމަށެވެ. އަދި އޭގެތެރޭގައި އާ ލަނޑުދަނޑިތަކެއް ވެސް ކަނޑައެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނިމިގެންދިޔަ އަހަރު ވަރަށް ބޮޑު ގޮންޖެހުންތަކަކާއެކު އަޅުގަނޑުމެންނަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އޭގެ ތެރޭގައި ވޮލީ ލީގާއި، ގައުމީ މުބާރާތާއި، ޔޫތު މުބާރާތް ކުޅެވިގެން ހިނގައްޖެ. އޭގެ ތަޖުރިބާއަށް ބަލާފައި އަޅުގަނޑުމެން 2017 ވަނަ އަހަރު މި ނުކުންނަނީ އިރާދަކުރެއްވިއްޔާ ވޮލީގެ އާއިލާއަށް އުފާވެރި މަސައްކަތްތަކެއް ކޮށްދިނުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.