03 Jan 2017, 13:49
މ. ސަރުމާގޭ އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދު އަލީ މަރާލި ކަމަށް ތުހުމަތު ކުރެވޭ އުމުރުން 15 އަހަރުގެ ކުޑަކުއްޖާގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލައިފިއެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ސަން އަށް މިއަދު ވިދަޅުވީ އެ މައްސަލަ ޕީޖީ އޮފީހުން އެ ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.
އެކުއްޖާގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ 9:00 ހާއިރު ސަރުމާގޭގެ ތެރޭގައި ހުރެ ވަޅިއަކުން ފާތިރުއަށް އެ ކުއްޖާ ހަމަލާދީފައިވާ ކަމަށެވެ. ފާތިރު މަރުވެފައި ވަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް ހަމަ އެރޭގެ ވަގުތެއްގައެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށާއި އެދުވަހު އޮންނާނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.
އެދުވަހު ހަވީރު ހިންގި ގްރޫޕް މާރާމާރީއެއްގައި 14 އަހަރުގެ އިތުރު ކުއްޖަކު ވެސް ވަނީ މަރާލައިފައެވެ. އެއީ ކ. ކާށިދޫ، ރަންފަރު އަހުމަދު އިރުޝާން ހިލްމީއެވެ. އޭނާ މަރާލި ކަމުގެ ތުހުމަތުގައި ވެސް ކުއްޖެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.