03 Jan 2017, 13:55
ދިވެހި ރާއްޖޭގެ ބަނދަރުތަކާއި ވައިގެ ބަނދަރުތައް މިއަދު ބިޒީވެއްޖެ ކަމަށާއި، މިއީ ރާއްޖޭގެ ވިޔަފާރީގެ ސިނާއަތަށް އައިސްފައިވާ ބަދަލު ރަމްޒުކޮށްދޭ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް އަލަށް ގެނައި އިކުއިޕްމެންޓާއި އުޅަނދުތައް ތައާރަފުކުރުމަށް ރޭ ބޭއްވި ހަފްލާގައި ސައީދު ވިދާޅުވީ އެމްޕީއެލްގެ މާލޭ ވިޔަފާރި ބަނދަރަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފަދައިން ސަރުކާރަށާއި ގައުމަށް އެހާ މުހިންމު ތަނެއް ކަމަށެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ރޭ ވިދާޅުވި ގޮތުގައި، އެމްޕީއެލް އަށް އަލަށް ގެނައި އުޅަނދުތައް ބޭނުންކޮށްގެން 18 ގަޑިއިރު ތެރޭގައި ބޯޓަކުން ި ބަނދަރުން 90 ކޮންޓެއިނަރު ބޯޓަށް އަރުވާފައިވެ އެވެ. ނަމަވެސް މިއީ ކުރިން 15 ވަރަކަށް ދުވަސް ނަގާ ކަމެކެވެ.
ސައީދު ވިދާޅުވީ، އެމްޕީއެލްއަށް ގެނެސްފައިވާ އުޅަނދުތައް ފެންނަން ހުރި ފަދައިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިވަގުތު ޕްރައިވެޓް ޖެޓުތައް ވެސް "ބަރި ބަރިއަށް" އެބަހުރި ކަމަށެވެ.
"މިއަދު އެއާޕޯޓާއި ސީޕޯޓް ވެސް ދަނީ ބިޒީ ވަމުން. މިކަމުން ދޭހަކޮށްދެނީ ވިޔަފާރީގެ ސިނާއާތް ރާއްޖޭގައި ބަދަލުވެއްޖެކަން. ވިޔަފާރީގެ އިނާއަތަށް ބޭނުންވާ ވަރުގަދަ، ހަމަޖެހޭ ސިޔާސަތުތަކެއް ގާއިމުވެ، ކޮންމެވެސް ކަހަލަ އިންތިޒާމެއްގެ ތެރެއިން މިކަންކަން ހިނގާކަން،"
ސައީދު ވިދާޅުވީ، ވިޔަފާރީގެ ދާއިރާ ތަރައްގީވުމަކީ މިއީ ކަމަށާއި ނަމަވެސް އެއްވެސް ރައްޔިތަކު ތަރައްގީއަށް ހަސަދަވެރިވެގެން ނުވާނެ ކަމަށެވެ.
"އިދިކޮޅު ފިކުރުގައި ހުރެއްޖެ ނަމަ ހިތަށް ބަނަކަމެއް އަތުވެދާނެ. އެކަމަކު އަވިދޭ ރީތި، ބަހާރީ މޫސުމެއް އައިމާ އެއީ ބަހާރީ މޫސުމެކޭ ބުނުމުގެ ހިތްވަރު ހުންނަންވާނެ. އެހެން ނޫން ނަމަ އަޅުގަނޑުމެންނަށް ގައުމައިގެން ކުރިޔަށް ދިއުމަށް ކުރާ މަސައްކަތަށް ކާމިޔާބެއް ނުލިބޭނެ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މިވަގުތަކީ ދިވެހިރާއްޖެ ތަރައްގީ ވުމަށް ތައްޔާރުވެ، "ދޮންވެ ފައްކާވެފައިވާ" ވަގުތު ކަމަށާއި މިވަގުތު ސަރުކާރާ އިދިކޮޅު ފިކުރުގެ ފަރާތްތަކުން ވެސް މަސައްކަތް ކުރަންވީ ސަރުކާރާ އެކުގައި ކަމަށެވެ.
"ފާޑު ކިޔުމާއި ގައުމަށް ގެއްލުން ދިނުމާއި ގައުމީ ތަރައްގީއަށް ހަސަދަވެރިވުމުގެ ބަދަލުގައި، އެއް ރޫހެއްގައި އެންމެން ގުޅިގެން ގައުމަށް ތަރައްގީ ގެނައުމަށް މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ފޯމިއުލާއަކީ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއް ދެނީ، ހުރިހާ ވިޔަފާރިއަކަށް ވެސް ލުއިކަމެއް ގެނައުމަށް ކަމަށެވެ.
އެގޮތުން، މިނިސްޓަރު ވަނީ، ވިޔަފަރިއާ ގުޅުން ހުރި، ސަރުކާރުގެ ހުރިހާ މުއައްސަސާއެއް އެއް ވިއުގައަކުން ގުޅާލުމަށް ނިންމާފައިވާ ނިންމުމާއި މި އަހަރުގެ ކުރިން ވިޔަފާރިއާ ގުޅޭ 31 ޑޮކިއުމެންޓެއް އުވާލާނެކަން އެވެ.