21 Jun 2011, 12:12
ބ.ތުޅާދޫގައި މަދަނައިގެ ހިދުމަތް ލިބޭ ހަމައެކަނި ބޭސް ފިހާރަ ކަމުގައިވާ ތުޅާދޫ ފާމަސީގައި ރޭ އަލިފާން ރޯވެ، ފިހާރައިގައި ހުރި ބޭސްތައް އަނދައި ބައެއް ތަކެއްޗަށް ގެއްލުންތައް ލިބިއްޖެ އެވެ.
ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު މިއަދު ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި އެހާދިސާ ހިންގަން މެދުވެރިވީ ފިހާރައިގައި ހުރި ފެންލައިޓެއްގެ ކައިރީގައި ބަހައްޓާފައި ހުރި ބޭސް ހުސްކުރި ފޮށިތަކެއްގައި ރޮވެ، އެތަނުގައި ހުރި ކަރަންޓް ޑީ ބޯޑެއްގައި ރޯވެގެން ކަމަށެވެ. އަދި އެހާދިސާގެ ސަބަބުން އެތަނުގެ ތެރޭގައި ހުރި ބޭސްތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ރަޝީދު އަދި ވިދާޅުވީ އެހާދިސާގެ ސަބަބުން ދޮޅު ލައްކައެއްހާ ރުފިހާގެ ގެއްލުންވި ކަމަށެވެ.
ރަޝީދު އަދި ވިދާޅުވީ އެކަމަކީ ބަނދަރުގެ މައްސަލާގައި އެރަށުގެ ބަޔަކު ހިތްހަމަ ނުޖެހިގެން ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށާއި ރޭގަ އެފަދަ ކަމެއް ބަޔަކު އޭނާ ދިރިއުޅޭ ގެއަށް ކޮށްފާނެ ކަމަށް ބެލެވުނު ކަމަށެވެ.
"އެކަމަކީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެކޭ ބުނަންޖެހެނީ މީގެ ދެތިން ރޭ ކުރިން މިރަށުގެ ބަޔަކު އަޅުގަނޑާއި ދިމާއަށް ވަނީ ވަރަށް ހުތުރު ބަހުރުވައިން އެއްޗެހި ގޮވާފައި، އެހެން ހުއްޓާ ރޭ ވެސް ބަޔަކު ވަނީ ފޯނުން ގުޅާ ވަރަށް ހުތުރު އެއްޗެހި ކިޔާފައި، ގެއްލުން ލިބުނު ތަކެތީގެ ތެރޭގައި ކޮމްޕިއުޓާ ސިސްޓަމްއާއި ބޭސްތަކާއި ފްރިޒެއް ހިމެނޭ،" ރަޝީދު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެފަދަ ހާދިސާއެއް އެ ރަށުގައި ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމާށާއި ނަމަވެސް އަދި އެމައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި އެހާދިސާއަކީ ކަރަންްޓް ސޯޓެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ބެލެވޭ ކަމަށާއި އެހާދިސާގައި ފިހާރައިގެ މުދަލަށްވެސް ކޮންމެވެސް ވަރަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތުޅާދޫ ބަނދަރުގެ މައްސަލާގައި އެރަށު ކައުންސިލުން ނިންމާފައިވާ ގޮތަށް ބަނދަރު ބޮޑުކުރަން ބޭނުންނުވާ ކަމަށް ބުނެ ބަނދަރު ހެދިޔަށް ނުދީ އެރަށުގެ ބަޔަކު ގެންދަނީ އިހުތިޖާޒު ކުރަމުންނެވެ. އަދި ދާދިފަހުން ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް އެރަށުގެ އިންދި ގަސްތަކެއް ވެސް އެރަށުގެ ބަޔަކު ވަނީ އުފުރާލާފަ އެވެ.