ޖުޑީޝަލް ޓްރޭނިން ސެންޓަރު އުވާލުމުން ފަސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ވަނީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.

މައްސަލަ ހުށަހެޅި މީހުންނަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމް އަދާކުރި މ. ސީނިއާވިލާ، އާއިޝަތު ހަސަން މަނިކު އާއި އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި ދަފްތަރު ނަންބަރު 3765 ޔޫސުފް ސައީދު މޫސާ އާއި ހަމަ އެ މަގާމު އަދާކުރެއްވި ގދ. ރަތަފަންދޫ ޗަނބޭލީވިލާ އަހުމަދު ރަޝީދު އާއި ކޮމްޕިއުޓާ ޓެކްނީޝަންގެ މަގާމް އަދާކުރެއްވި މ. ކްރިމްސަންރޯސް އިސްމާއީލް ފާރިޝް އާއި އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމް އަދާކުރެއްވި ހުޅުމާލޭ ފްލެޓް އަހުމަދު ހާޝިމް އާއި ހަމަ އެ މަގާމު އަދާކުރެއްވި ހއ. މުރައިދޫ ވައިޖެހޭގޭ އިބްރާހީމް ޚާލިދެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައި ވަނީ އެމީހުންގެ ތެރެއިން އެކަކު މައްސަލަ ހުށަހެޅީ ގަވާއިދުގައި ބުނާ ތިން މަސް ދުވަސް ފަހުން ކަމުގައިވާތީ އެ މައްސަލަ ބެލެން ނެތް ކަމަށެވެ. ނަމަވެސް ދެންތިބި ފަސް މީހުން މިދިޔަ މާޗް މަހުގެ ނުވަ ވަނަ ދުވަހު ވަޒީފާ އިން ވަކިކޮށްފައި ވަނީ ރަނގަޅަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

އެމީހުން ވަޒީފާއިން ވަކިކުރީ ޖުޑީޝަލް ޓްރޭނިން ސެންޓަރު އުވާލައި ޖުޑީޝަލް އެކެޑެމީ ގާއިމްކުރުމުން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި ބުނާ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހުގައިކަން މައްސަލަ ރައްދުވި ފަރާތުން ސާބިތުކޮށްދީފައިވާ ކަމަށް ވެސް އެ ނިންމުމުގައިވެއެވެ.