ކުރިއަށް އޮތް ސީޒަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ވަރުގަދަކުރުމަށް އެޓީމަށް ބިދޭސީ ކޯޗަކާއި ބިދޭސީ ހަތަރު ކުޅުންތެރީން ގެންނަން ނިންމާފައިވާކަމަށް އެ ކްލަބްގެ ޖެނަރަލް ސެކެޓްރީ އަހުމަދު ނިިޔާޒް މޫސާ ވިދާޅުވެއްޖެއެވެ.

'ސަން ސްޕޯޓްސް' ޓީމާ ވާހަކަ ދައްކަމުން ނިޔާޒު ވިދާޅުވީ، އަންނަ ސީޒަނުގައި ނިއުއިން ފެންނާނީ ބިދޭސީ ކޯޗެއް ކަމަށާއި ކޯޗާ އެކު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި ބިދޭސީ ހަތަރު ކުޅުންތެރިންނާ އެކު ވެސް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

"ހުރިހާ ކަމެއް މިހާރު މިވަނީ ނިމިފަ. ނަމަވެސް ނިއުއާ ގުޅޭނެ ބިދޭސީ ކުޅުންތެރިންނާއި ކޯޗު އިއުލާނު ކުރާނީ އަންނަ ހުކުރު ދުވަހު އޮންނަ ނިއުގެ އިންތިހާބަށްފަހު،" ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ، އެޓީމަށް ގެންނަން ނިންމި ހުރިހާ ކުޅުންތެރީން ވެސް މިހާރު ވަނީ ޓީމާ ގުޅިފައި ކަމަށާއި ރާއްޖޭން މިހާރު ވާހަކަ ދައްކަމުން ދަނީ ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި އެކަނި ކަމަށެވެ.

މިދިޔަ ސީޒަނުގައި އާދައިގެ ގޮތަކަށް ފެނިގެންދިޔަ ނިއު ވަނީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ތަޖުރިބާކާރު ތިން ކުޅުންތެރިން އެޓީމަށް ގެނެސްފައެވެ. އެއީ 2013 ވަނަ އަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު މުުހިއްމު ދައުރެއް އަދާކުރި ގޯލްކީޕަރު އިމްރާން މުހައްމަދާއި އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން ނިއު އިން 2009 ވަނަ އަހަރު ކެރިއަރު ފަށައި އެ ކްލަބަށް ހަތް އަހަރު ކުޅެދިނުމަށްފަހު މިދިޔަ ސީޒަނުގައި ޓީސީން ފެނުނު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އެވެ.

މިދިޔަ ސީޒަން ނިއުއިން ފެށީ ވެސް ބިދޭސީ ކޯޗަކާ އެކުއެވެ. ނަމަވެސް ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފްގެ އިރުޝާދުގެ ދަށުން އެޓީމް ނެރުނު ދަށް ނަތީޖާ ތަކުގެ ސަބަބުން ޓީމުން ވަނީ ކޯޗު ބޭރުކޮށްލާފައެވެ.