ށ. ޅައިމަގު އަންހެނެއްގެ ގަޔަށް ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ފަތިހު ހިނގި އެ ހާދިސާ އާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ، 21 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެކެވެ. އެ ދެމީހުންގެ ތެރެއިން ދޫކޮށްލާފައި ވަނީ، 21 އަހަރުގެ މީހާ އެވެ.

ފުލުހުން ބުނީ އެމީހާ ދޫކޮށްލާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކަމަށާއި ދޫކޮށްލާފައި ވަނީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ.

ދޫކޮށްލި ފިރިހެން މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ދީފައި ވަނީ ހަތް ދުވަހުގެ މުއްދަތެކެވެ. އަދި 23 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ދީފައިވެ އެވެ.

ކެމިކަލް ޖަހާފައި ވަނީ ޅައިމަގު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ހަލީމާ އާދަމްގެ މޫނަށެވެ. ފުލުހުން ބުނެފައި ވަނީ، ހަލީމާގެ މޫނަށް ޖަހާފައި ވަނީ ލައްފިލުވާ ކަމަށެވެ.

ހަލީމާގެ މޫނަށް ކެމިކަލް ޖެހުމާ ގުޅިގެން އޭނާ ވަނީ، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދައިފަ އެވެ.

އެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެފަދަ އަމަލުތައް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައިވާ އިރު، އަންހެނުންގެ ހައްގުތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ހަލީމާއަށް ހަމަލާ ދިން ފަރާތްތައް ހޯދައި އިންސާފުވެރި ޝަރީއަތެއް ގެންދިއުމަށް ގޮވާލާފައިވެ އެވެ.