21 Jun 2011, 11:34
ގދ. ތިނަދޫގައި ވިހާފައި އެއްލާފައި އޮތް ތުއްތު ކުއްޖަކު ދިރިއޮއްވާ މިއަދު ފެނިއްޖެ އެވެ. ފުލުހުންގެ މިޑިއާ އޮފިޝަލު ވިދާޅުވީ ވިހާލާފައި އެއްލާފައި އޮތް ކުއްޖަކު ތިނަދޫން މިއަދު ފެނިފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި ބުނީ ފަހުން ތަފުސީލު ދޭނެ ކަމަށެވެ.
ތިނަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީރު ވިދާޅުވީ މިއަދު 10:45 ގައި ތުއްތު ކުއްޖާ ފެނިފައި ވަނީ އެރަށު ހިއްކި ސަރަހައްދުގައި ހުންނަ ގެއްގެ ގަރާޖުގެ ތެރެއިން ކަމަށާއި އެއީ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި ބުނީ ފޫޅުދަނޑިއާވެސް އެކުގައި ދިރިދިރިއޮތް ކުއްޖާ ފެނުމުން ފުލުހުން އެކަން ތަހުގީގު ކުރުމުގެ މަސައްކަތް އެ ރަށުގައި ފަށާފައިވާ ކަމަށެވެ.
"ގަރާޖުތެރޭ ގޯނިގަނޑަކަށްލާފައި އޮތީ ކުއްޖަކު ރޯއަޑަށް މީހުން ގޮސް ބެލުމުން ފެނުނީ. އެކުއްޖާ އޮތީ ސާފުވެސް ނުކޮށް،" ނަސީރު ވިދާޅުވި އެވެ.
ތިނަދޫ ހޮސްޕިތަލާ ހަވާލާދީ ކައުންސިލުގެ ރައީސް ވިދާޅުވީ ތުއްތު ކުއްޖާ އޮތީ ހޮސްޕިޓަލުގައި ކަމަށާއި ކުއްޖާ ފެނުނު ފަހުން ހޮސްޕިޓަލަށް އަންހެނަކު ގުޅުމަށްފަހު އެއީ އޭނާގެ ކުއްޖެއް ކަމަށް ބުނެފައިވާ ކަމަށާއި އެ ފޯނު ކޯލް ކުރީ ކާކުތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ.
ތިނަދޫ ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެ ހުންނެވި ސިނާން ހަސަން ވިދާޅުވީ ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ 10:50 އެހާކަންހާއިރު ކަމަށާއި ފޫޅުދަނޑިއާއެކުގައިވާ ކުއްޖާގެ ހަށިގަނޑުގައި އެއްވެސް ކަހަލަ ޒަހަމްގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އަދި ބުނީ ތުއްތު ކުއްޖާގެ ސިއްހަތު ވެސް، ހާލުވެސް ރަނގަޅު ކަމަށައި އެކުއްޖާ ހޮސްޕިޓަލަށް ގެނައިރު ވިހޭތާ ގަޑިއެއްގެ އިރުވެސް ނުވާނެ ކަމަށެވެ.
ސަންއަށް ލިބިފައިވާ އެކުއްޖާގެ ފޮޓޯތަކުން ފެންނަ ގޮތުގައިވެސް އެއީ ވަރަށް ބޮޑު އަދި ދުޅަހެޔޮކޮށް އޮތް ކުއްޖެކެވެ. އެރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ ތުއްތު ކުއްޖަކު ރޯއަޑަށް އެކުއްޖާ އޮއްވާ ފެނުނު ގެއާ އިންވެގެން ހުންނަ ގެއެއްގެ އަންހެނަކު ގޮސް ބެލި އިރު ކުއްޖާ އޮތީ ރޯން ކަމަށާއި އޮތީ ކަޅު ފޮތިގަނޑެއްގެ މަތީގައި ކަމަށެވެ. ބައެއް މީހުން ބުނާ ގޮތުގައި ބޭބީ އޮތީ ކަޅު ކުލައިގެ ގޯނިގަނޑެއްގެ މަތީގައި ކަމަށެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި މި ހާދިސާއަށް ފަހު ތިނަދޫން އެއްވެސް މީހަކު ރަށުން ފޭބުން މިވަގުތަށް ވަނީ މަނާކޮށްފައެވެ.
ތިނަދޫގައި އެއްލާލާފައި އޮތް ތުއްތު ފިރިހެން ކުއްޖަކު މިފެނުނުނީ މިދިއަ މަހުގެ 22 ވަނަ ދުވަހު ހުޅުމާލޭގައި ކޮތަޅަކަށްލުމަށްފަހު ތުއްތުކުއްޖަކު އެއްލާފައި އޮއްވާ ފެނުނުތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. އަދި އޭގެ ކުރިން ވިލިމާލޭ ވަލުތެރެއިން ވެސް ކޯސްޓް ދަޅަކަށްލާފައިވާ ހަމަހުގެ ކުއްޖަކު ފެނި،ފައިވާއިރު މާލޭގެ ޓްރެކް ސަރަހައްދުގެ މޫދުން މަރުވެފައިވާ ކުޑަކުއްޖަކު ވެސް ވަނީ ފެނިފަ އެވެ.
މީގެ ކުރިން ހުޅުމާލެއިން ވަނީ ވިހެއުމަށްފަހު އެއްލާލާފައި އޮތް ކުޑަކުއްކު ފެނި އެކުއްޖާ ބަލަން ވަނީ އާއިލާއަކާ ހަވާލުކޮށްފައެވެ.