އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސަންޑަލޭންޑް އަތުން 2-2ގެ ނަތީޖާ އަކުން އެއްވަރުވެ، އެއްވަނައިގައި އޮތް ޗެލްސީއާ ތިން ޕޮއިންޓް ގާތަށް ޖެހިލަން ލިބުނު ފުރުސަތު ލިވަޕޫލުން ނަގާލިއިރު ވާދަވެރި މެންޗަސްޓާ ސިޓީ އާއި މެންޗަސްޓާ ޔުނައިޓެޑް ކުޅުނު މެޗުތަށް އެޓީމްތަކުން ކާމިޔާބްކޮށްފިއެވެ.

ސިޓީ ކުޅުނު މެޗުން 2-1ގެ ނަތީޖާ އަކުން ބާންލީ އަތުން މޮޅުވިއިރު ޔުނައިޓެޑް ވަނީ 2-0ގެ ނަތީޖާ އަކުން ވެސްޓް ހޭމް ޔުނައިޓެޑް އަތުން މޮޅުވެފައެވެ.

ލީގުގައި ޗެލްސީ މިހާތަނަށް ކުނުޅު 19 މެޗުން 49 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއް ވަނައިގައި އޮތްއިރު ދެވަނައިގައި އޮތް ލިވަޕޫލަށް 20 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ. ވާދަވެރި ސިޓީ އޮތީ 42 ޕޮއިންޓާ އެކު ތިން ވަނައިގައެވެ. ޔުނައިޓެޑް އޮތީ 39 ޕޮއިންޓާ އެކު ހަ ވަނައިގައެވެ.

ރަށުން ބޭރުގައި ލިވަޕޫލް ކުޅުނު މެޗުގެ 19 ވަނަ މިނިޓްގައި ޑެނިއަލް ސްޓަރިޖް ވަނީ އެޓީމަށް ލީޑް ނަގައިދީފައެވެ. އެ މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސަންޑަލޭންޑަށް ނަތީޖާ އެއްވަރުކޮށްދިނީ 25 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ޖަމެއިން ޑެފޯ އެވެ.

ލިވަޕޫލަށް ދެ ވަނަ ފަހަރަށް ލީޑު ނަަގައިިދިނީ 72 ވަނަ މިނިޓްގައި ސަޑިއޯ މާނޭ އެވެ. އެ ނަތީޖާއެކު މެޗު ނިިމެންދަނިކޮށް ސަންޑަލޭންޑަށް އެއްވަރުކޮށްދިން ގޯލު 84 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ އެޓީމަށް ފުރަތަމަ ގޯލުވެސް ކާމިޔާބްކޮށްދިން ޑެފޯއެވެ. ސަންޑަލޭންޑްގެ ދެވަނަ ގޯލު ވެސް ޑެފޯ ކާމިޔާބްކުރީ ލިބުނު ޕެނަލްޓީއެއްގައެވެ.

ސަންޑަލޭންޑް އާއި ލިވަޕޫލް ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ވެސްޓް ހޭމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 15 ވަނަ މިނެޓްގައި އެޓީމްގެ ސޮފިއަން ފެގޫލީއަށް ރެފްރީ ވަނީ ސީދާ ރަތްކާޑެއްދައްކައި ދަނޑުން ފޮނުވާލާފައެވެ. އޭނާއަށް ރަތްކާޑް ދެއްކީ ޔުނައިޓެޑްގެ ފިލް ޖޯންސް އަށް ކުރި ނުރައްކާތެރި ޓެކްލަކާ ގުޅިގެންނެވެ.

މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާ އެކު ކުޅުނު ވެސްޓް ހޭމްކޮޅަށް ޔުނައިޓެޑުން ގޯލެއް ކާމިޔާބްކުރެވުނީ ދެވަނަ ހާފްގެ 63 ވަނަ މިނެޓްގައި ހުއާން މާޓާއެވެ. ޔުނައިޓެޑްގެ ދެ ވަނަ ލަނޑު މެޗު ނިމެން 12 މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ތަޖުރިބާކާރު ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗެވެ.

ބާންލީއާ ދެކޮޅަށް މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގެ 32 ވަނަ މިނެޓްގައި އެޓީމްގެ ފެނާންޑީނިއޯއަށް ވަނީ ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ބާންލީގެ ޔޯހަން ގުޑްމުންޑްސަން އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ދިހަ ކުޅުންތެރިންނާ އެކު ސިޓީން ކުޅުނު ނަމަވެސް އެޓީމުން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. މެޗުގެ ފުރަތަމަ ގޯލު ދެވަނަ ހާފްގެ 58 ވަަނަ މިނެޓްގައި ކާމިޔާބުކޮށް ގައެލް ކްލިޗީ ސިޓީއަށް ލީޑް ނަގައިދިން އިރު އޭގެ ހަތަރު މިނެޓް ފަހުން ސާޖިއޯ އަގުއޭރޯ ވަނީ އެޓީމަށް ދެވަނަ ގޯލު ކާމިޔާބްކޮށްދީ ލީޑް ފުޅާކޮޮށްދީފައެވެ.

ބާންލީއަށް ސުން ކަނޑުވާލަދިން ގޯލު މެޗުގެ 70 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބްކޮށްދިނީ ބެން މީ އެވެ.