03 Jan 2017, 10:23
ކުރިއަށް އޮތް ސީޒަނުގައި ކުޅޭނެ ކްލަބެއް އަދި ނުނިންމާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ޓީމެއް ފައިނަލް ކުރާނެ ކަމަށް ގައުމީ ކެޕްޓަން އަލީ އަޝްފާގު(ދަގަނޑޭ) ބުނެފި އެވެ.
މިދިޔަ ސީޒަނުގައި މެލޭޝިއާގެ ޕީޑީއާރުއެމްއަށް ކުޅުމަށް ފަހު ލިބުނު އަނިޔާއަކާ ގުޅިގެން އެޓީމް ދޫކޮށްލުމަށް ފަހު ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ދަގަނޑޭ ވަނީ ގުޅިފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާގެ ގޮތުގައި މާޒިޔާ އަށް ސީޒަން ނިމެންދެން ކުޅެން އެއްބަސްވި ދަގަނޑޭ މިވަގުތު ހުރީ އެއްވެސް ކްލަބެއްގައެއް ނޫނެވެ.
"އަދި ކުޅޭނެ ކްލަބެއް ނުނިންމަން. ބައެއް ކްލަބްތަކާ ވާހަކަ ދައްކަމުން މިދަނީ. ކުރިއަށް އޮތް ހަފްތާތަކުގައި ކުޅޭނެ ޓީމެއް ނިންމާނަން،" ދަގަނޑޭ އޭނާގެ އޮފިޝަަލް ފޭސްބުކް ޕޭޖް މެދުވެރިކޮށް ރޭ ބުންޏެވެ.
ކުރިއަށް އޮތް ސީޒަނުގައި ކުޅޭނެ ޓީމެއް ދަގަނޑޭ އަދި ނިންމާފައި ނުވާ އިރު ރާއްޖޭގެ ބައެއް މީޑިއާތަކުން ރޭ ވަނީ އޭނާ ނިއު ރޭޑިއަންޓަށް ސޮއިކޮށްފައިވާ ކަމަށް ބުނެފަ އެވެ.
ދަގަނޑޭ ހޯދުމަށް މެލޭޝިއާގެ ބައެއް ކްލަބްތަކުން މިހާރު ވެސް ޝައުގުވެރިކަން ފާޅުކުރަމުންދާ އިރު އަންން ސީޒަނުގައި އޭނާ ފެންނާނީ ރާއްޖެއިންތޯ ނުވަތަ ގައުމުން ބޭރުންތޯއެއް ވެސް އަދި ނޭނގެ އެވެ.
މިދިޔަ އަހަރު ދަގަނޑޭ ޕީޑީއާރުއެމް ދޫކޮށްލުމުން އެގައުމު ނޫސަތަކުން ވަނީ އޭނާ އެގައުމުގެ ކެލަންޓަން އެފްސީއަށް ގުޅެން އުޅޭ ކަމުގެ ހަބަރުތައް ފަތުރައިފަ އެވެ. ކެލަންޓަންގެ ކޯޗަކީ ކުރީގެ ގައުމީ އަދި ނިއު ރޭޑިއަންޓްގެ ކޯޗު ވެލިޒާ ޕޮޕޯވް އެވެ.