03 Jan 2017, 10:05
ނައިޕީޑޯ(ޖެނުއަރީ 3): މިޔަންމާ ފުލުހުން ރޮހިންޔާ މުސްލިމުންނަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއަކާ ގުޅިގެން އެގައުމުން ހަތަރު ފުލުހަކު ހައްޔަރުކޮށްފި އެވެ.
މިޔަންމާ ސަރުކާރުން ބުނި ގޮތުގައި ފުލުހަކު ނަގާފައިވާ އެ ވީޑިއޯއަކީ ގިނަ އަދަދެއްގެ ރޮހިންޔާ މުސްލިމުން ދިރިއުޅޭ ރަހީން ސްޓޭޓުގައި މިދިޔަ ނޮވެމްބަރު މަހު ނަގާފައިވާ ވީޑިއޯއެކެވެ. އެއީ މިޔަންމާ އަސްކަރިއްޔާއިން ރަހީން ސްޓޭޓުގައި ހާއްސަ އޮޕަރޭޝަނެއް ފެށިތާ އެއް މަސް ފަހުންނެވެ.
މިޔަންމާގެ ޑިފެކްޓޯ ލީޑަރު އަންގް ސަން ސޫޗީގެ އޮފީހުން ވަނީ އެ އޮޕަރޭޝަނުގައި ބައިވެރިވި ހަތަރު ފުލުހުންގެ ނަން އާއްމުކޮށްފައެވެ. އޭގެ ތެރޭގައި ވީޑިއޯ ރިކޯޑު ކުރި ފުލުސް މީހާވެސް ހިމެނެ އެވެ.
"ވީޑިއޯއިން އެއީ ކޮންބައެއްކަން އެނގުނު ފުލުހުން ވަނީ ހައްޔަރުކޮށްފަ. އަދި އެއޮޕަރޭޝަނުގައި އަވަށުގެ ރައްޔިތުންނަށް އަނިޔާކުރި އިތުރު ފުލުހުން ހޯދުމަށް މިހާރު ތަހުގީގު ކުރަމުން ދަނީ،" ސޫޗީގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.
އިންޓަނެޓުގައި އާއްމުވި ވީޑިއޯއިން ފެނިގެންދަނީ ފުލުހުންގެ ކުރިމަތީގައި އާއްމުންގެ ގިނަ ބަޔަކު ލައިނެއްގައި ތިއްބައި ދެ ފުލުހަކު މީހަކަށް އަނިޔާ ކުރާ މަންޒަރެވެ. އެއް ފުލުހަކު އޭނާގެ ގައިގައި ތަޅަމުންދާ އިރު އަނެއް ފުލުސް މީހާ އޭނާގެ މޫނުގައި ފައިން ޖަހާތަން ފެނެ އެވެ. އެ ލައިނުގައި ތިބި އިތުރު މީހުންނަށް ވެސް ފުލުހުން އަނިޔާ ކުރާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.
އެ ވީޑިއޯ ތަހުގީގު ކުރުމަށް ފަހު ފުލުހުންގެ ގަވާއިދުތަކާ ހިލާފުވި ފުލުހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް މިޔަންމާ ސަރުކާރުން ބުނެފައިވެއެވެ. މީގެ ކުރިން އެސަރުކާރުން ވަނީ އެގައުމުގެ އަސްކަރިއްޔާއިން ރޮހިންޔާ މުސްލިމުންނަށް އަނިޔާ ކުރާ ކަމަށް ބުނާ ރިޕޯޓުތައް ދޮގުކޮށްފައެވެ.
މިދިޔަ އޮކްޓޯބަރު މަހު މިޔަންމާ އަސްކަރިއްޔާއިން މުސްލިމުން ދިރިއުޅޭ ރަހީން ސްޓޭޓުގައި ހާއްސަ އޮޕަރޭޝަނެއް ފެށި ފަހުން އެ ސްޓޭޓަށް ނޫސްވެރިންނާއި އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތައް ވަނުން މަނާކޮށްފައި ވުމުގެ ސަބަބުން އަސްކަރިއްޔާގެ އަމަލުތަކުގެ ސަބަބުން މަރުވެފައި ވަނީ ކިތައް ރޮހިންޔާ މުސްލިމުންކަން އަދި ޔަގީންވެފައެއް ނުވެއެވެ.
ނަމަވެސް އެމްނެސްޓީން ލަފާ ކުރާ ގޮތުގައި މިޔަންމާ އަސްކަރިއްޔާއިން ވަނީ ރޮހިންޔާ މުސްލިމުން ދިރިއުޅޭ އަވަށްތަކުގެ ގެތަކާއި، ސްކޫލުތަކާއި، މިސްކިތްތައް ހިމެނޭ ގޮތަށް 1،200 އިމާރާތްތަކުގައި ރޯކޮށްލާފައެވެ. އަދި އެ އަނިޔާއިން ސަލާމަތްވުމަށް 27،000 ރޮހިންޔާ މުސްލިމުން ވަނީ މިޔަންމާ ބޯޑަރު ހުރަސްކޮށް، ބަންގުލަދޭޝްއަށް ގޮސްފައި ކަމަށް އެމްނެސްޓީން ލަފާ ކުރެއެވެ. (ބީބީސީ)