03 Jan 2017, 09:24
އަންކަރާ(ޖަނަވަރީ 3): އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ނުރައްކާ ތުރުކީއަށް އާދަޔާ ޚިލާފަށް ބޮޑުވުމުގެ ސަބަބުން ތުރުކީއާއި ސޫރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް އިތުރު ސިފައިންނާއި ހަތިޔާރު ޖަމާކޮށް އައިއެސް އާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަ ކުރަމުން ގެންދާކަން ތުރުކީން ހާމަކޮށްފިއެވެ.
ތުރުކީގެ ބޮޑުވަޒީރުގެ ނައިބު ނުއުމާން ގުރްތުލްމޫޝް ވިދާޅުވީ، ތުރުކީއާއި ސޫރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް އިތުރު ސިފައިންނާއި ހަތިޔާރު ޖަމާކުރަމުން ގެންދަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް އައިއެސްގެ ޓެރަރިސްޓުން ތުރުކީއަށް ވަނުމުގެ ބިރު އޮތުމުން ކަމަށާއި މިއީ އައިއެސް މުޅިން ނައްތާލުމަށް ތުރުކީން ފަށާފައިވާ ހަނގުރާމައިގެ ބައެއްކަމުގައެވެ. މިއާއެކު އައިއެސް ޖަމާއަތާ ދެކޮޅަށް ތުރުކީ ސިފައިން ހިންގާ އަސްކަރީ އޮޕަރޭޝަންވެސްވަނީ ވަރުގަދަކޮށްފައި ކަމަށް ނުއުމާން ވިދާޅުވިއެވެ.
އައިއެސް ޖަމާއަތުން އިއްޔެ ނެރުނު ބަޔާނެއްގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ސިފަކޮށްފައިވަނީ "ތާޣޫތް" ޓައިރެންޓް އެއްގެ ގޮތުގައެވެ. މިގޮތުން އުރުދުޣާން އަކީ ތުރުކީގެ އަވަހާރަވެފައިވާ ލާދީނީ ޒައީމް މުސްތަފާ ކަމާލް އަތާތުރުކް ގެ ލާދީނީ އެޖެންޑާ ހިންގާ ތާޣޫތް ކަމަށް އައިއެސްގެ ބަޔާނުގައި ސިފަކޮށްފައިވެއެވެ. އަދި އައިއެސްއާ ވާދަވެރި އެޖަމާއަތްފަދަ އެހެން ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ ޖަބްހަތުއްނުސްރާގެ ލީޑަރު އަބޫމުހައްމަދުލްޖޫލާނީ އަކީވެސް ދީނުން ބޭރުވެފައިވާ ޚާއިނެއްކަމަށް އައިއެސް އިން ސިފަކޮށްފައިވެއެވެ.
އައިއެސްއާ ދެކޮޅަށް ތުރުކީން ހިންގާ ފުރާތުގެ އައްޑަނައިގެ ނަމުން ނަންދީފައިވާ އޮޕަރޭޝަންގައި ތުރުކީއަށް ތާއީދުކުރާ ސޫރިޔާގެ އިދިކޮޅު ބައެއް ޖަމާއަތްތައް އެއްގަމުމަގުން އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރާއިރު ތުރުކީގެ ވައިގެ ސިފައިން ގެންދަނީ ސޫރިޔާގައިވާ އައިއެސްގެ އަމާޒުތަކަށް ވައިގެ ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ.
ތުރުކީއަކީ ކުރިން ސިއްރިޔާތުގައާއި ނުސީދާގޮތުން އައިއެސްއަށް އެންމެ ބޮޑަށް އެހީތެރިވި އެއް ގައުމެވެ. ތުރުކީން އައިއެސްއަށް އެހީތެރިވީ އެކަމުގެ ސަބަބުން ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލެވިދާނެ ކަމުގެ ފޮނި އުންމީދުގައެވެ. މިގޮތުން ދުނިޔޭގެ އެކި ގައުމުތަކުން ޖިހާދުގެ ނަމުގައި އައިއެސްއާއި ގުޅުމަށް ސޫރިޔާއަށްދާ ހަނގުރާމަވެރީން ސަރަހައްދީ ރޮނގު ހުރަސްކޮށް ސޫރިޔާއަށް އެތެރެވުމުގެ ފުރްސަތު ތުރުކީން ދެމުންގެންގޮސްފައިވެއެވެ.
ދުނިޔޭގެ އެކިގައުމުތަކުން ޖިހާދުގެ ނަމުގައި އައިއެސްއާ ގުޅުމަށް ދާ ގިނަމީހުންނަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ޒުވާނުންނާއި އެކި ޖަރީމާތައް ހިންގާ ގޭންގްތަކަށް ނިސްބަތްވާ ޒުވާނުން ކަމަށްވެއެވެ. މިފަދަ ޒުވާނުން ޖިހާދުގެ ނަމުގައި ފަސޭހައިން ސޫރިޔާއަށް ގެންދެވެނީ އެފަދަ އަމާޒެއްނެތި ލާހޫރުވޭ ޒުވާނުން ޖިހާދުގެ ނަމުގައި ހައްލާލައިގެން އައިއެސްގެ ޓެރަރިސްޓް ނެޓްވާކުގެ ތެރެއަށް އެމީހުން ވައްދަން ފަސޭހަވާތީކަމަށް، ފަހުން ތުރުކީގެ ނޫސްތަކުން ހާމަކޮށްފައިވެއެވެ. މިފަދަ ޒުވާނުން އައިއެސްގެ ނެޓްވާކުގެ ތެރެއަށް ވައްދާ ގްރޫޕްތައްވެސް ތުރުކީގެ ޖާސޫސީ އިދާރާއިން މިހާރުގެންދަނީ އަތުލައިގަންނަމުންނެވެ. މިފަދަ ގްރޫޕްތައް ދުނިޔޭގެ އެތަށް ގައުމެއްގައި ހަރަކާތްތެރިވަމުންދާ ކަމަށްވެއެވެ.
އަދި އައިއެސްއިން ވަގަށްނަގާ ސޫރިޔާގެ ތެޔޮ ސިއްރިޔާތުގައި ހެޔޮއަގުގައި ގަންނަކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރެވޭގޮތަށް ތުރުކީގެ މައްޗަށްވެސް ކުރެވިފައިވެއެވެ. ނަމަވެސް އައިއެސްގެ ބޮންގޮއްވުމުގެ އެތަށް ހަމަލާތަކެއްގެ ޝިކާރައަކަށް ތުރުކީވެގެންދިޔުމާއި ގަދަބާރުން ބައްޝާރުގެ ސަރުކާރު ވައްޓާނުލެވޭނެކަން ކަށަވަރުވުމުން ތުރުކީވަނީ އައިއެސްއާމެދު ގެންގުޅުނު ދޫދިނުމުގެ ސިޔާސަތުތައް ދޫކޮށްލައި އައިއެސްއާ ދެކޮޅަށް އެންމެ ބޮޑަށް ހަނގުރާމަކުރާ ގައުމު ކަމަށްވެފައެވެ. އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ އައިއެސްއަށް އަސްކަރީގޮތުން އެހީތެރިވާކަމުގެ ސީދާ ތުހުމަތު އެމެރިކާގެ މައްޗަށްވެސް ފާޅުގައި މިދިޔަ ހަފްތާގައި ކުރައްވާފައެވެ.
މިކަމުގެ ސަބަބުން އެމެރިކާވަނީ ވަރަށް ބޮޑަށް ލަދުގެނެ ޓެރަރިޒަމަށް އެހީތެރިނުވާކަމަށްބުނެ އަމިއްލަ ނަފްސުގެ ދިފާއުގައި ވާހަކަދައްކަން ފަށާފައެވެ. މީލާދީ އައު އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން ތުރުކީގައި ބޭއްވި ހަރަކާތްތަކަށްވެސް އައިއެސްއިންވަނީ ޓެރަރިސްޓް ހަމަލާތަކެއް ދީފައެވެ. އިސްތަންބޫލްގެ ނައިޓް ކްލަބެއްގައި ކުރިޔަށްދިޔަ އައު އަހަރު ފެށުން ފާހަގަކުރުމުގެ ހަފްލާއަކަށް ހަމަލާދީ 42 މީހުން މަރާލައި 38 މީހުން ޒަޚަމްކޮށްލުމުގެ ޖަރީމާ ހިންގިކަމުގެ މަސްއޫލިއްޔަތު އުފުލާފައިވަނީ އައިއެސް ޖަމާއަތުންނެވެ.
އިރާގުން އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައަށް ވާގިވެރިވުމާބެހޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި ތުރުކީގެ ބޮޑުވަޒީރު ބިންއަލީ ޔެލްޑްރިމް މާދަމާ އިރާގަށް ވަޑައިގެން އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީއާ ބައްދަލުކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ. (ނޫސްއެޖެންސީތައް)