21 Jun 2011, 10:48
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ ނަން އިއްވައި މަޖިލީސް ދޫކުރައްވައި ވަޑައިގަތުމަށް ރިޔާސަތުން އެންގެވުމުން ވެސް މަޖިލިސް ދޫނުކުރައްވައި ޖަލްސާގައި މަހުލޫފު މަޑުކުރެއްވުމުން ޖަލްސާ މެދުކަޑާލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާއިބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްގެ މަރުހަލާގައި އެ ބިލް ހުށަހެޅުއްވި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއާ ބެހޭ ގޮތުން މަހުލޫފު ވާހަކަފުޅު ދައްކަވަން ފެއްޓެވުމުން މެންބަރުން ނިޒާމީ މައްސަލަތައް ނަންގަވަން ފެއްޓެވި އެވެ. އަދި ނިޒާމީ މައްސަލަ ނަންގަވައި ރިޔާސަތުގެ ސަމާލު ކަމަށް ގެނައި ކަންތަތައްކުގެ މައްޗަށް ރިޔާއަތް ކުރައްވައި އަބްދުﷲ ޝާހިދު ވިދާޅުވީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންގެންދާއިރު މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތައިގެން ވާހަކަފުޅު ދެއްކެވުމަށެވެ.
ނަމަވެސް ރިޔާސަތުން އެންގެވިގޮތާ ހިލާފަށް މަހުލޫފު ވާހަކަފުޅު ދައްކަވަން ފެއްޓެވުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑު ގަދަ ކުރައްވަން ފެއްޓެވި އެވެ. އަދި ނިޒާމީ އޮއިވަރުގެ ތެރެއަށް މަޖިލިސްދިޔަ އެވެ.
މަހުލޫފު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ގެންދަނިކޮށް އޭނާގެ މަންމައާ ބެހޭ ގޮތް މެންބަރުން ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ ރިޔާސަތުގެ ސަމާލު ކަމަށް އެކަން މަހުލޫފު ގެންދެވި އެވެ. އަދި ކުއްލިއަކަށް މަޖިލީހުގެ ތަޅުމުގެ ފަހަތު ގޮނޑިކޮޅުތަކުގައި ތިއްބެވި މެންބަރުންގެ ގާތަށް ވަޑައިގެން އަޑު ގަދަ ކުރައްވަން ފެއްޓެވި އެވެ. ނަމަވެސް އޭނާ އެ މެންބަރުންނާ ދިމާލަށް އަޑުގަދަ ކުރެއްވި ސަބަބެއް ރިޔާސަތަކުން ވިދާޅެއް ނުވެ އެވެ.
ރިޔާސަތުގައި އިންނެވި އަބްދުﷲ ޝާހިދު ތަކުރާރުކޮށް މަހުލޫފަށް ނަސޭހަތްތެރިވެވަޑައިގަތީ މަހުލޫފުގެ ގޮނޑިކޮޅަށް ވަޑައިގެން އިށީންނެވުމަށެވެ. މަހުލޫފު އިށީނދެ ވަޑައިގަތުމުން ވެސް މަޖިލީހުގެ ނިޒާމް ހަމަޔަކަށް ނޭޅުމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝަހީދު މަހުލޫފު ނަން އިއްވެވި އެވެ. ނަން އިއްވުމުން ވެސް މަހުލޫފު ބޭރަށް ވަޑައިނުގަތުމުން މިއަދު ހެނދުނު ދަންފަޅީގެ ޖަލްސާ ވަނީ މެދުކަޑާލާފަ އެވެ. އަދި ދެން ޖަލްސާ ފަށާނެ ވަގުތެއް ވެސް މަޖިލީހުގެ ރައީސް ވިދާޅެއް ނުވެ އެވެ.