03 Jan 2017, 00:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މީރުބަހުރު ބަނދަރުގައި ހިންގާ ކެފޭއިން، ލޮޖިސްޓިކްސް ކުންފުނިތަކުގެ އިސްވެރިންނަށް ޑިސްކައުންޓް ލިބޭ ޚާއްސަ ޕްރީމިއަމް ކާޑެއް ތައާރަފްކޮށްފި އެވެ.
އެމްޕީއެލްގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި ކާޑު ލޯންޗުކޮށް ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދެވެ.
މި ކާޑުގެ ބޭނުންކޮށްގެން އެމްޕީއެލް ކެފޭއިން 10 ޕަސަންޓު ޑިސްކައުންޓް، ލޮޖިސްޓިކްސް ކުންފުނިތަކުގެ ވެރިންނާއި އޭޖެންޓުންނަށް ލިބޭ އިރު، އެމްޕީއެލް ކެފޭ ކައިރީގައި އޮންނަ ޕާކިންގް ޒޯނުގައި ހިލޭ ޕާކު ވެސް ކުރެވޭނެ ކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ، އެމްޕީއެލްއާ ގާތުން މަސައްކަތް ކުރާ ލޮޖިސްޓިކްސް ކުންފުނިތަކުގެ ފަރާތްތަކަކީ އެމްޕީއެލްގެ އާއިލާގައި ހިމެނޭ ބައެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

އެމްޕީއެލްއިން މީރުބަހުރު ބަނދަރުގައި ހެދި ނޯތު ޕޯޓު ކެފޭ -- ފޮޓޯ/ އެމްޕީއެލް
"އަޅުގަނޑު ދެކެނީ ލޮޖިސްޓިކްސް ކުންފުނިތަކުގެ ވެރިންނަކީ އެމްޕީއެލް ފެމިލީގެ މެމްބަރުންގެ ގޮތުގައި. މިރޭ އެބޭފުޅުންނަށް ވަރަށް ޚާއްސަ ކަމެއް ތައާރަފު ކުރަނީ. މި ޕްރީމިއަމް ކާޑު ބޭނުންކޮޮށްގެން އެމްޕީއެލް ކެފޭއިން 10 ޕަސަންޓު ޑިސްކައުންޓް ލިބޭނެ. އަދި އެ އޭރިއާގައި ހުންނަ ޕާކިންގް ޒޯނުގައި ފްރީ ޕާކިންގް ވެސް އޮންނާނެ،" ޖުނައިދު ވިދާޅުވި އެވެ.
މިރޭ ބޭއްވި ހަފްލާގައި، އެމްޕީއެލުން ވަނީ ބައެއް ކުންފުނިތަކުގެ ފަރާތްތަކަށް ޕްރީމިއަމް ކާޑު ހަވާލުކޮށްފަ އެވެ.
މީރުބަހުރު ބަނދަރުގައި އެމްޕީއެލުން ގެ ނަމުގައި ކެފޭއެއް ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ.
މުޅިން ވެސް ދިވެހި މުވައްޒަފުން ގެންގުޅޭ އެ ކެފޭ މީރުބަހުރު ބަނދަރުގައި ހުޅުވި މަގްސަދަކީ، އެމްޕީއެލްގައި ހުރި ހުސް ބިންތަކުގެ ބޭނުން ހިފައި، އާމްދަނީ ހޯދުން ކަމަށް އެމްޕީއެލުން ބުނެއެވެ.