ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޗެއާޕާސަންގެ މަގާމަށް އެ ކްލަބުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް ނަޒީމް އިންތިހާބުކޮށްފި އެވެ.

ޗެއާޕާސަންކަމުގެ މަގާމަށް ނަޒީމް އިންތިހާބުކުރީ ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި އެ ކްލަބުގެ އިންތިހާބީ ޖަލްސާގައެވެ.

ޗެއާޕާސަންކަމުގެ މަގާމުގެ އިތުރުން ވެސް ހުސްވެފައިވާ ހިންގާ ކޮމިޓީގެ ދެ މަގާމަށް ވަނީ މެންބަރުން އިންތިހާބުކޮށްފަ އެވެ. ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް ހޮވުނީ އަހްމަދު އަރީޝް އާއި އިބްރާހިމް އާދަމް މަނިކެވެ.

ވިކްޓަރީގެ ހުސްވެފައިވާ ކޮންމެ މަގާމަކަށް ވެސް އެންމެ ބޭފުޅަކު ކުރިމަތިލާފައިވުމުން ދިޔައީ ފެންނަ ނުފެންނަ ވޯޓަކަށެވެ. އެ ތިން މަގާމަށް ވެސް ބޭފުޅުން ހޮވިފައި ވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ހިންގާ ކޮމިޓީ: ޗެއާޕާސަން ކަމަށް ނަޒީމް ހޮވުނު އިރު، ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް ހޮވުނީ އަރީޝް އާއި އިބްރާހިމް އާދަމް މަނިކް --- ސަން ފޮޓޯ/ މުއާވިޔަތު އަންވަރު

ޗެއާޕާސަންކަމުގެ މަގާމަށް ނަޒީމް ހޮވުމާއެކު ކުރިން އޭނާ އަދާކުރަމުންދިޔަ ބޯޑް މެންބަރުކަމުގެ މަގާމު ވަނީ ހުސްވެފަ އެވެ. އެ މަގާމަށް ބޭފުޅަކު ހޮވުމަށް ފަހުން އިންތިހާބެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

ވިކްޓަރީގެ ޗެއާޕާސަންކަމުގެ މަގާމު ކުރިން ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު އަހްމަދު އަސްއަދު މިދިޔަ އަހަރުތެރޭ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާއާއެކު ދެ މެންބަރަކު ވެސް އިސްތިއުފާދީފައިވެ އެވެ.

އޭރު ހުސްވި މަގާމުތަކަށް ބޭފުޅުން ހޮވުމަށް އިންތިހާބެއް ބޭއްވި ނަމަވެސް، އެ އިންތިހާބު ބާއްވާފައި ވަނީ އެ ކްލަބުގެ ދެ ވައިސް ޗެއާޕާސަނުން ކަމަށްވާ ޔޫތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އަބްދުލް މުހުސިން (ޖޭފޯ) އާއި އަހްމަދު މައުމޫން އަށް ނޭނގި ކަމަށް ބުނެ ހޯމް މިނިސްޓްރީން އިންތިހާބު ބާތިލްކުރި އެވެ.

ވިކްޓަރީގެ ޗެއާޕާސަނަކަށް މިރޭ އިންތިހާބުވެވަޑައި ގެންނެވި ނަޒީމް ވިދާޅުވީ، ފާއިތުވެދިޔަ ދުވަސްތަކުގައި ނުފެންނަވަރުގެ ކުޅުންތެރިން މި ސީޒަނުގައި ވިކްޓަރީން ފެންނާނެ ކަމަށާއި ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރެވިއްޖެ ކަމަށެވެ.