އެމްޕީއެލަށް އަލަށް ގެނައި އާ އުޅަނދުތަކާއި އިކުއިޕްމެންޓުތަކުގެ ބޭނުންކޮށްގެން، 18 ގަޑިއިރު ތެރޭގައި 450 ކޮންޓެއިނަރު މާލޭ ވިޔަފާރި ބަނދަރަށް ބާލާފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.

އެމްޕީއެލަށް 15 އަހަރު ފަހުން، މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ، ކޮންޓެއިނަރު ބޭލުމުގެ މަސައްކަތް ކުރުމަށް އާ އުޅަނދާއި އިކުއިޕްމެންޓުތަކެއް ގެނެސްފަ އެވެ. މިތަކެތީގެ އަގަކީ ގާތްގަނޑަކަށް 9.1 މިލިޔަންޑޮލަރު (ގާތްގަނޑަކަށް 140 މިލިޔަން ރުފިޔާ) ކަމަށް އެމްޕީއެލުން މައުލޫމާތު ދެއެވެ.

އެމްޕީއެލްއަށް ގެނައި އާ އިކުއިޕްމެންޓުތައް ތައާރަފު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ، މިތަކެތި ލިބުމާ އެކު، ބަނދަރަށް ދިމާވެފައި އޮތް، ކޮންޓެއިނަރު ކްލިއަރު ކުރުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިއްޖެ ކަަމަށެވެ.

"15 އަހަރު ވެއްޖެ މިތަނަށް ވެހިކަލެއް ނުގެންނަތާ. މިއަދު ރައީސް ޔާމީން، އެކަންކަން ގާތުން ބައްލަވައި، ނިންމެވީ މިތަނަށް އުޅަނދު ގެނައުމަށް. ރާއްޖޭގައި މިހާރު ބަނދަރާ މެދު ދިމާވެފައި އޮތް މައްސަލަ، ކްލިއަރު ކުރުމުގެ މައްސަލަ ވަރަށް ބޮޑުތަން ހައްލުވެގެން ދިޔައީ،"

މިރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޖުނައިދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ

ޖުނައިދު ވިދާޅުވީ، ޗައިނާއިން އެމްޕީއެލްއަށް އޯޑަރު ކުރި އުޅަނދުތަކުގެ ތެރެއިން އެންމެ މުހިންމު ތަކެތި މިހާރު ލިބިފައިވާ ކަމަށާއި، އެތަކެތީގެ ބޭނުން ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"މިހާރު ޖެޓީގައި އޮތް ބޯޓުން 12 ގަޑިއިރު ތެރޭގައި 450 އެއްހާ ކޮންޓެއިނަރު ހުސްކުރެވިއްޖެ. އަދި އެއަށް 90 ކޮންޓެއިނަރު ލޯޑުކުރެވިއްޖެ. މީގެ ކުރިން ބޯޓެއް އަޅައިގެން 15 ނުވަތަ 16 އެއްހާ ދުވަސް ނަގާ،" ޖުނައިދު ވިދާޅުވިއެވެ.

ޖުނައިދު ވިދާޅުވީ އުޅަނދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް އުޅަނދަކީ ރީޗު ސްޓެކާ ކަމަށެވެ. ކޮންޓެއިނާ އުފުލުމަށް ބޭނުންކުރާ މި އުޅަނދުގެ ދެ އެތި އެމްޕީއެލްގައި ކުރިން އޮންނަ އިރު، އެއީ މީގެ 15 އަހަރު ކުރިން ގެނެސްފައިވާ ތަކެތި ކަމަށް ޖުނައިދު ވިދާޅުވި އެވެ.

"އިރުއިރުކޮޅުން ހޮޅިއެއް ފަޅައިގެން ގޮސް، އިންޖީނު މައްސަލައެް ޖެހި، ކޮންމެވެސް ކަމެއް ދިމާވެފައި އޮންނަނީ،"

ޖުނއިދު ވިދާޅުވީ، މިހާރު އަލަށް ހަ ރީޗު ސްޓެކާ ގެނައުމުން، ދެ އުޅަނދު ބޭނުންކުރިޔަސް ސްޓޭންޑްބައިގައި ހަތަރު އުޅަނދު އޮންނާނެ ކަމަށާއި، އޭގެ ތެރެއިން އެއް އުޅަނދު، އެމްޕީއެލްއިން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ކްލިއަރަންސް ފެސިލިޓީގައި ބޭނުންކުރުމަށް ގެންދާނެ ކަމަށެވެ.

ޖުނައިދު ވިދާޅުވީ، އާ އުޅަނދުތަކާ އެކު، އެންމެ އިސްކަމެއް ދޭނީ އުޅަނދުތައް ބަލަހައްޓައި، އޭގެ މެއިންޓެނަންސަށް ކަމަށެވެ. އެގޮތުން، އުޅަނދުތަކާ ބެހޭ އިތުރު ތަމްރީނު ހޯދުމަށް އެމްޕީއެލްގެ އިންޖިނިއަރުން، އުޅަނދުތައް ސަޕްލައި ކުރި ކުންފުންޏަށް ފޮނުވުމުގެ ކަންކަން ކުރިޔަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ.