02 Jan 2017, 23:03
ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ރާއްޖެ ކޮޅަށް ހަ ލަނޑު ޖަހައި، ބަންގްލަދޭޝް އިން ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
އަމިއްލަ ގައުމުގައި ކުރިއަށް ދާ އެ މުބާރާތުގެ ސެމީގައި މިއަދު ބަންގާޅުން ވަނީ 6-0 ލަނޑުގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށްފަ އެވެ.
ބަންގާޅު ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި އެ ޓީމުގެ ސްވަޕްނާ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކެއް ފުރިހަމަކޮށްފަ އެވެ. ރާއްޖެ ކޮޅަށް ބަންގާޅުން ޖެހި އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ސަބީނާ ކާމިޔާބުކޮށްދިން އިރު، ނަރްގިސް ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ.
އަންނަ ބުދަ ދުވަހު ކުޅޭ ފައިނަލުގައި ބަންގާޅު ނުކުންނަން ޖެހޭނީ އިންޑިއާއާ ދެކޮޅަށެވެ. އިންޑިއާ އިން ފައިނަލުގެ ޖާގައެއް ސެމީގެ ފުރަތަމަ މެޗުގައި ނޭޕާލްގެ މައްޗަށް 3-1 ލަނޑުން ކުރި ހޯދައިގެންނެވެ.
ސެމީގައި ބަންގާޅުން އަތުން ބަލިވެ މުބާރާތުން ރާއްޖެ އަލްވަދާއު ކިޔަން ޖެހުނުއިރު، ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗަކުން ރާއްޖެ މޮޅުވެފައިވެ އެވެ. ސްރީ ލަންކާ އާއި ބޫޓާން އަތުން ރާއްޖެ މޮޅުވި އިރު، ގްރޫޕް ސްޓޭޖުގައި ރާއްޖެ ބަލިވީ ނޭޕާލް އަތުންނެވެ.
ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ފާއިތުވެދިޔަ ތިން އަހަރުގެ ޗެމްޕިއަނުންނަކީ ވެސް އިންޑިއާ އެވެ.