02 Jan 2017, 22:59
ޕްރައިވެޓް ޓީވީ ސްޓޭޝަން، ސަންގު ޓީވީގެ ހިއްސާދާރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީންގެ ސޮއި ފޯޖު ކޮށްގެން އެ ޓީވީ ސްޓޭޝަންގެ ހިއްސާ ބަދަލު ކުރި ކަމަށް ބުނެ ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީނެވެ.
ޔާމީން ތުހުމަތު ކުރާ ގޮތުގައި އޭނާގެ ސޮއި ފޯޖުކޮށްގެން އެ ޓީވީ ސްޓޭޝަންގެ އަނެއް ހިއްސާދާރު އިބްރާހީމް ވަހީދު (އަސްވާޑު) ވަނީ އަމިއްލަ ނަން މައްޗަށް ޔާމީނުގެ ހިއްސާ ބަދަލުކޮށްފަ އެވެ.
ނަމަވެސް އަސްވާޑު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާ އަސްވާޑު މިރޭ 'ސަން' އަށް ވިދާޅުވީ ޔާމީނު އަމިއްލަފުޅަށް އޭނާގެ ހިއްސާ ވަނީ ދޫކޮށް ލައްވާފައި ކަމަށެވެ.
އެކަން ނިންމާފައި ވަނީ އޭނާ އާއި ޔާމީނާއި ކުންފުނީގެ ސެކްރެޓަރީގެ ހާޒިރުގައި ބޭއްވި ބޯޑު ބައްދަލުވުމެއްގައި ކަމަށް ވެސް އަސްވާޑު ވިދާޅުވި އެވެ.
ސަންގު ޓީވީ ހިންގާ ކުންފުނީގައި މިހާތަނަށްް ޔާމީނާއި އަސްވާޑުގެ 50 ޕަސެންޓު ހިއްސާ އޮތެވެ. ނަމަވެސް މިހާރު އޮންނަނީ އަސްވާޑުގެ 99 ޕަސެންޓު ހިއްސާ އާއި ޔާމީންގެ އެއް ޕަސެންޓު ހިއްސާއެކެވެ.
އެކަމާ އުޅޭ ގޮތުން މެމްބަރު ޔާމީން ވަކިއެއްޗެއް ވިދާޅުވާން ބޭނުންފުޅެއް ނުވެ އެވެ.