02 Jan 2017, 22:40
މާލޭ ވިޔަފާރި ބަނދަރު ބޮޑު ކުރުމަށް އެދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކެބިނެޓުގެ އިގްތިސާދީ ކޮމިޓީއަށް ހުށަހެޅި ހުށަހެޅުން ގަބޫލުކޮށް، ބަނދަރު ބޮޑުކުރުމުގެ ހުއްދަ އެމްޕީއެލަށް ދީފިއެވެ.
އެމްޕީއެލުން ހިންގާ މާލޭ ވިޔަފާރި ބަނދަރަށް މިވަގުތު ގާތް ކުރެވެނީ ފަހަރަކު އުޅަނދަކަށެވެ.
އެމްޕީއެލަށް އަލަށް ގެނައި، 9.1 މިލިޔަން ޑޮލަރުގެ އާ އިކުއިޕްމެންޓްތައް ތައާރަފުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ، ބަނދަރު ބޮޑުކުރުމުގެ ހުއްދައަށް އެދި ކެބިިނެޓުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަށް އޭނާ ހުށަހެޅުއްވި ހުށަހެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހުއްދަ ލިބިފައިވާ ކަމަށެވެ.
"އީވައިސީއަށް ގޮސް އަޅުގަނޑު ޕްރެޒެންޓޭޝަނެއް ހުށަހެޅިން. އަޅުގަނޑުމެންނަށް ލެޓާއެއް އައިސް އެބަ އޮތް، އެކަމުގެ ހުއްދަ ލިބިފައި އޮތީ،"
ޖުނައިދު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
އެމްޕީއެލުން ވިސްނާފައި އޮތީ ވިޔަފާރި ބަނދަރުގެ ހުޅަނގާއި އިރުމަތީ ފަރާތުގައި މޫދުގެ ގޮތުގައި ބޭނުންކުރާ ސަރަހައްދު ހިއްކާފައި، ބަނދަރުގެ ކީ ވޯލް 600 މީޓަރަށް ބޭރަށް ދަމާލުމަށެވެ.
އެމްޕީއެލްގެ ސީއީއޯ ޖުނައިދު މީގެ ކުރިން ވިދާޅުވެފައި ވަނީ، އެގޮތަށް ބަނދަރު ބޮޑުކުރުމުން ކުރިޔަށް އޮތް 20 އަހަރު ވަންދެން މާލޭ ވިޔަފާރި ބަނދަރަށް ބޭނުންވާ ވަރަށް ޖާގަ އޮންނާނެ ކަމަށެވެ.