ރާއްޖޭގައި ބޭރު ފައިސާގެ ވިޔަފާރި ކުރާ ފަރާތްތަކުން 2017 ވަނަ އަހަރަށްވާ ލައިސަންސް ފީ، މި ހިނގާ ޖެނުއަރީ މަސް ނިމުމުގެ ކުރިން ދެއްކުމަށް މަރުކަޒީ ބޭންކުން އަންގައިފި އެވެ.

އެމްއެމްއޭއިން ކުރި އިއުލާނެއްގައި އަންގާފައި ވަނީ، މަނިޓަރީ ގަވައިދުގެ ދަށުން ރާއްޖޭގައި ބޭރުގައި ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން، މިއަހަރަށް ދައްކަންޖެހޭ ލައިސަންސް ފީ، ޖެނުއަރީ 31 ގެ ކުރިން ދައްކައި ނިންމުމަށެވެ.

ރާއްޖޭގައި ބޭރުގެ ފައިސާގެ ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރޭގައި ބޭންކުތަކާއި މާލީ ޚިދުމަތްތައް ދޭ ފަރާތްތަކުގެ އިތުރުން ބައެއް އެހެނިހެން ވިޔަފާރިތައް ހިމެނެއެވެ.

ނަވާރަސަތޭކަ އަށްޑިހަ ހަތްވަނަ އަހަރު އެކުލަވާލާފައިވާ މަނިޓަރީ ގަވައިދުގެ ދަށުން، ބޭރު ފައިސާގެ ވިޔަފާރި ކުރާ ފަރާތްތަކުން ލައިސަންސް ފީގެ ގޮތުގައި އަހަރަކަށް ދައްކަން ޖެހެނީ 1،200 ރުފިޔާއެވެ.

އަދި ހުއްދައާ އެކު، ބޭރު ފައިސާގެ ވިޔަފާރި ކުރާ ތަންތަނުގެ ބޭރުގައި އިނގިރޭސިންނާއި ތާނައިން "މަނީ ޗޭންޖަރ" ޖަހާފައި ހުންނަން ޖެހޭ ކަމަށާއި، ފައިސާ ގަނެ ވިއްކާ ރޭޓުތައް އާންމުކޮށް ފެންނާނެ ފަދަ ގޮތަކަށް ލިޔެފައި ހުންނަން ޖެހޭނެ ކަމަށް މަނިޓަރީ ގަވައިދުގައި ބުނެފައިވެ އެވެ.