ސްރީލަންކާގެ ކޮންމެ ކިޔަވާ ދަރިވަރަކަށް، ގާތްގަނޑަކަށް ދެލައްކަ ރުޕީސްގެ ހިލޭ ހެލްތު އިންޝުއަރެންސް ލިބޭ އިންޝުއަރެންސް ޕޮލިސީއެއް އެ ގައުމުގެ ސަރުކާރުން ތައާރަފު ކޮށްފި އެވެ.

ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަ މިއަދު ވިދާޅުވީ، ފަސް އަހަރާއި 19 އަހަރާ ދެމެދުގެ، 4.5 މިލިޔަނަށް ވުރެ ގިނަ ދަރިވަރުން ސްރީލަންކާގައި އުޅޭ އިރު، އޭގެ ކޮންމެ ދަރިވަރަކަށް، އެއްވެސް އިސްތިސްނާއެއް ކުރުމެއް ނެތި މި ހެލްތު އިންޝުއަރެންސް ލިބޭނެ ކަމަށެވެ.

އަދި އާއިލާއެއްގައި ތިބެނީ ކިތައް ކުދިންތޯ ބެލުން ފަދަ ކަމެއްވެސް ސަރުކާރުން ނުބަލައި، ހުރިހާ ކުދިންނަށް ވެސް ހަމަހަމަކޮށް ދެލައްކަ ރުޕީސްގެ އިންޝުއަރެންސް ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ ސްކޫލުތަކާއި ޕްރައިވެޓް ސްކޫލުތަކުގައި ވެސް ކިޔަވާ ކުދިންނަށް ވެސް ތަފާތުކުރުމެއް ނެތި، ހަމަހަމަކޮށް އިންޝުއަރެންސް ލިބޭނެ ކަމަށް ރަވީ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަ ވިދާޅުވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ކުރަންޖެހޭ ފަރުވާތަކަށް 100،000 ރުޕީސްއާ ހަމައަށް، އަދި އައުޓްޕޭޝަންޓު ޚިދުމަތްތަކަށް 10،000 ރުޕީސްއާ ހަމައަށް އިންޝުއަރެންސް ލިބޭނެ ކަމަށެވެ.

"މިއީ ގައުމުގެ ހުރިހާ ދަރިވަރުންގެ މައިންބަފައިންނަށް ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހައެއް. މިހާރު އެއްވެސް ދައްޗެއް ކުރިމަތިވެގެން، ދަރިވަރުގެ ތައުލީމު ހުއްޓާލަންޖެހޭ ހާލަތެއް މެދުވެރިއެއް ނުވާނެ،" ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ސްރީލަންކާގައި މިހާރުވެސް ދަނީ، ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ގިނަ ވެލްފެއާ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނޭ ޕްރޮގްރާމްތަކަކީ ހިލޭ ޓެކްސްޓް ފޮތްތަކާއި ޔުނިފޯމް ފޯރުކޮށްދިނުމާއި، މެންދުރުގެ ކެއުން ފޯރުކޮށްދިނުމާއި، ހެނދުނު ގަޑީގައި ކޮންމެ ކުއްޖަކަށްވެސް ކިރު ތައްޓެއް ފޯރުކޮށްދިނުމުގެ އިތުރުން، ސްކޫލް ބޫޓު ބޭނުންވާ ކުދިންނަށް ބޫޓު ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކެވެ.