02 Jan 2017, 18:31
އިންޑިއާގައި ބެޗްލާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުތަކެއް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) އިން ހުޅުވާލައިފިއެވެ.
ޑީއެޗްއީ އިން ބުނީ، އިންޑިއާ ސަރުކާރުން ހިންގަމުން އަންނަ، އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) އިން ރާއްޖެއަށް ހާއްސަކޮށްގެން ދީފައިވާ "އެއިޑް ޓު މޯލްޑިވްސް ސްކޮލަރޝިޕް ސްކީމް"ގެ ދަށުން 20 ސްކޮލަޝިޕް ފުރުސަތަކަށް ކުރިމަތިލުމުގެފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
އެ ސްކީމުގެ ދަށުން ސްކޮލާޝިޕް ދޭނީސްކިލް ޝޯޓޭޖް ލިސްޓުގައިވާ ދާއިރާއަކުން ބެޗްލާސް ޑިގްރީއަށް ކިޔެވުމަށް ނަމަވެސް، އެމްބީބީއެސް އާއި ބެޗްލާސް އޮފް ޑެންޓަލް ސާޖަރީ އަދި ނާސިން ފަދަ މެޑިސިންއާ ގުޅުންހުރި ކޯސްތަކެއް އެ ސްކީމުގެ ދަށުން އޮފާއެއް ނުކުރެއެވެ.
ފުރުސަތު ލިބޭ އެ ސްކޮލަޝިޕް ފުރުސަތުތަކަށް ހޮވޭ ދަރިވަރުންގެ ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ އައިސީސީއާރުގެ ފަރާތުންނެވެ. އަދި ކޯހަށް ހޮވޭ ދަރިވަރަކު ކޯސް ފުރިހަމަނުކޮށް ދޫކޮށްލައިފިނަމަ، އެ ކޯހަށް ހިނގި ހަރަދު އިންޑިއާ ސަރުކާރަށް ދައްކަންޖެހޭނެއެވެ.
ނަމަވެސް ސައިންސްގެ ދާއިރާގެ ކޯސްތައް ހެދުމަށް ބޭނުންވާ ކެންޑިޑޭޓުންގެ ލެބޯޓަރީ ކެމިކަލްސްއާއި އެހެނިހެން ކަންކަމަށްދާ ހަރަދުކުރަންޖެހޭނީ އެކެންޑިޑޭޓަކު އަމިއްލަ އަށް ކަމަށް ޑީއެޗްއީން ބުނެއެވެ.
އޭގެ އިތުރުން އައިސީސީއާރުގެ ދަށުން ސްކޮލަޝިޕް ލިބޭ ދަރިވަރަކު ބޭނުންވާނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕްލިމެންޓަރީ އެލަވެންސް ލޯނެއްގެ ގޮތުގައި ހަމަޖައްސައިދެވޭނެއެވެ.
މަތީތައުލީމް ހާސިލްކުރުމަށް ފުރުސަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު ރާއްޖެއަށް ހިދުމަތް ކުރުމަށް ބޮންޑްކުރެވޭ ގޮތަށް ދޭ އެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހަފްތާގެ އާދީއްތަ ދުވަހުގެ 13:30 އެވެ.