02 Jan 2017, 17:15
ތިރީގައި މިވަނީ 2017 ވަނަ އަހަރު ހިނގާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ފަޒާގެ ޙާދިސާތަކެވެ. ނެޝަނަލް ޖިއޮގްރަފިކް އިން ތައްޔާރުކޮށް ޝާއިޢުކޮށްފައިވާ ފަލަކީ ރިޕޯޓެއް ބުނާ ގޮތުން 2017 ވަނަ އަހަރުވެސް ބަލާލާހިއްވާ ފަލަކީ އެތަށް ޙާދިސާތަކެއް ޖައްވުގައި ހިނގާނެ އެވެ. ތިރީގައި މިވަނީ މިޙާދިސާތަކުގެ ތެރެއިން ބައެއް ޙާދިސާތަކުގެ ކުރު ޚުލާސާއެކެވެ.
ކޮމެޓެއް ފެނުން

2017 ވަނައަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ސޯލާސިސްޓަމްގެ ތެރެއިން ކޮމެޓެއް ދަތުރުކުރާތަން ފެންނާނެއެވެ. މިއީ މިދިޔަ ޑިސެމްބަރު މަހުންފެށިގެން އިރުގެ ވަށައިގެން ދަތުރުކުރާ ކޮމެޓެކެވެ. ބީ 45 ހޮންޑާ މާކޮސް-ބެގެޑުސްކޯވާ ގެ ނަމުން ނަންދީފައިވާ މިކޮމެޓް ސޯލާސިސްޓަމްގެ ތެރެއަށް ވަދެފައި ވަނީ 2016 ވަނަ އަހަރުއެވެ. ނަމަވެސް ބިމާ އެންމެ ގާތަށް މި ކޮމެޓް އަންނާނީ 11 ފެބްރުއަރީ 2017 ގައެވެ. އޭރުވެސް މިކޮމެޓް ހުންނާނީ ބިމާ 7.7 މިލިޔަން މޭލުގެ ދުރުމިނުގަ އެވެ. ނަމަވެސް އާދައިގެ ޓެލެސްކޯޕްތަކުން މި ކޮމެޓް ފެންނާނެ އެވެ. އަދި މިކޮމެޓް ދުނިޔޭގެ ބައެއް ސަރަހައްދުތަކަށް ރޭގަނޑު ހަމަލޮލުން ފެނުމުގެ ފުރްސަތު ވެސް އެބައޮތްކަމަށް ވެއެވެ.

ރިންގް އިރުކޭތަ
ފުރިހަމަނޫން އިރުކޭތައެއް ހިފުން
26 ފެބްރުއަރީ 2017 ގައި އެނުއެލާ އެކްލިޕްސް އެއް (ރިންގެއްގެ ގޮތަށް އިންނަ އިރުކޭތައެއް) ހިފާނެއެވެ. މިއިރުކޭތަ ފެންނާނީ ދުނިޔޭގެ ދެކުނުގެ ގައުމުތަކަށެވެ. ޚާއްސަކޮށް އެފްރިކާގެ ދެކުނުގެ ގައުމުތަކަށާއި ޕެސިފިކް ގެ ގައުމުތަކަށެވެ. ރިންގެއްގެ ގޮތަށް އިންނަ އިރުކޭތަ ހިފަނީ ހަނދުގެ ހިޔަނި އިރަށްއެޅޭއިރު އިރުއެއްކޮށް ނުފޮރުވި ވަށައިގެން ރިންގެއްގެ ގޮތަށް އިރުގެ ބައެއް ފެންނާތީއެވެ. މިބާވަތުގެ އިރުކޭތައަކީ ވަރަށް ގިނައިން ހިފާ އިރުކޭތައެކެވެ.
މާސް އާއި މާކަރީ އާއި ހަނދު ޓްރޭންގަލެއްގެ ގޮތަށް ޖައްވުގައި އެތުރުން
މިހާދިސާ ފެންނާނީ 29 މާޗް 2017 ގައެވެ. މިހާދިސާ ދުނިޔޭގެ އެތަށް ގައުމަކަށް ފެންނާނެއެވެ. ހަމަލޮލަށް ފެންނާނެއެވެ. ނަމަވެސް 29 މާޗް ގައި މާސް އާއި މާކަރީ ހުންނާނީ ބިމާ ވަރަށް ދުރުގައި ކަމުން މި ޓްރޭންގަލްގައި މިދެ ޕްލެނެޓް ފެންނާނީ ވަރަށް ކުޑަކޮށެވެ.

ހަދާއި ޖުޕިޓަރ
ޖުޕިޓަރ އާއި ހަނދު އެއްލެވެލްއަކަށް އައުން
މިހާދިސާ ހިނގާނީ 10 އެޕްރީލް 2017 ގައެވެ. މިދުވަހުގެ ރޭގައި ޖުޕިޓަރ ހުންނާނީ ބިމާ ވަރަށް ގާތުގަ އެވެ. އެހެންކަމުން ވަރަށް ރީތިކޮށް ހަނދުގެ ކައިރީގައި ޖުޕިޓަރ ހުއްޓާ ފެންނާނެ އެވެ. ނަމަވެސް މި މަންޒަރު ރިތިކޮށް ފެންނާނީ ޓެލެސްކޯޕަކުންނެވެ. އާދައިގެ ޓެލެސްކޯޕަކުންވެސް ފެންނާނެ އެވެ. އަދި ހަމަލޮލުން ވެސް ފެނުމަކީ އެކަށީގެންވާކަމެކެވެ.

ފުރިހަމަ އިރުކޭތަ
ފުރިހަމަ އިރުކޭތައެއް ހިފުން
21 އޮގަސްޓް 2017 ގައި ފުރިހަމަ އިރުކޭތައެއް ހިފާނެ އެވެ. ފުރިހަމަ އިރުކޭތައެއް ހިފަނީ ހަނދުގެ ހިޔަނި އިރަށް އެޅޭއިރު އެ ހިޔަނިން އިރުއެއްކޮށް ނިވައި ވުމުންނެވެ. މިބާވަތުގެ އިރުކޭތަ ފެންނަނީ ވަރަށް މަދުންނެވެ. މި އިރުކޭތަވެސް ދިވެހިރާއްޖެއަށް ފެނުމުގެ ފުރްސަތެއް ނޯންނާނެއެވެ. މި އިރުކޭތަ ފެންނާނީ އުތުރު އެމެރިކާގެ ގައުމުތަކަށެވެ. އެމެރިކާގެ އުތުރުގެ ސަރަހައްދުތަކަށާއި ކެނެޑާއަށެވެ.
ގިނިހިލައިގެ ވާރޭ
ގިނަހިލަ ނުވަތަ މީޓިއޯސް ފައިބާތަން ނުވަތަ ގިނަ ހިލައިގެ ވާރޭ 13 ޑިސެމްބަރު 2017 ގައި ފެންނާނެ އެވެ. މިމަންޒަރު ބައެއް ފަހަރު ހަމަލޮލަށް ފެނުނުނަމަވެސް ރަނގަޅަށް ފެންނާނީ ޓެލެސްކޯޕުންނެވެ.
(ނެޝަނަލް ޖިއޮގްރަފިކް)